ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅު ނުވަތަ މަޖިލީހުގެ ރިޔާސަތުގައި ގަމު ދާއިރާގެ އެމްޑީޕީ މެމްބަރ ފައްޔާޒު އިޞްމާޢީލް އިށީދެވަޑައިގެން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ހުރަސްއަޅުއްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާހް ދިރާސާކުރެއްވި އިޤްތިޞާދީ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމެވެ. މަޖިލިސް ޤަވާއިދު ބުނާ ގޮތުން ކޮމެޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށްފަހު ވެސް ކޮމެޓީ ރިޕޯޓަށް އިޞްލާހް ހުށަހެޅުއްވޭނެއެވެ. މަޖިލިސް ރިޔާސަތު ގޮނޑިކޮޅުގައި ފައްޔާޒު އިށޭދެވަޑައިގަތީ ކޮމެޓީ ރިޕޯޓަށް އޭނާ ހުށަހެޅުއްވި އިޞްލާހް ރިޔާސަތުން ބަލައިނުގަތުމުންނެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނު ދިރާސާކުރުމަށްފަހު އިޤްތިޞާދީ ކޮމެޓީން ނިންމި ކޮމެޓީ ރިޕޯޓަށް ފައްޔާޒު ހުށަހެޅުއްވި އިޞްލާހަކީ ދުންފަތާއިި އެނާޖީ ޑްރިންކުން ދުރުވާން މީހުން އަހުލުވެރި ކުރުވަން އެތަކެތިން ލިބޭ ޑިއުޓީން ފަސް ޕަސެންޓް ޚަރަދު ކުރަންޖެހޭ ގޮތަށް ހުށަހެޅުއްވި އިޞްލާހެކެވެ.
މަޖިލީހުގެ ރިޔާސަތު ގޮނޑިކޮޅުގައި ފައްޔާޒު އިށީދެވަޑައިގެން މަޖްލިސް ހިންގެވުމަށް ހުރަސްއެޅުއްވުމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހް މުޙައްމަދު މަޖިލިސް ކުރިއަށް ގެންދެވީ ވަޒީރުން ވަޑައިގެން ތިއްބަވާ ގޮނޑިކޮޅުގައި އިންނަވައިގެންނެވެ.
މި މައްސަލާގައި މަޖިލީހުގެ ޖަލްސާ ހޫނުވެ މަޖިލީހުގެ ލައިވް ފީޑްވެސް ވަނީ ކަނޑާލައްވާފައެވެ. ނަމަވެސް މަޖިލިސް ރައީސް މަޞީހް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވާ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާހު ފާސްކުރައްވާފައެވެ. މި އިޞްލާހް ފާސްކުރެއްވީ 52 މެމްބަރުންގެ ވޯޓުންނެވެ.