ވިޔަފާރި

ސިނގިރޭޓް ފޮށްޓަކުން 20ރ، އެނަރޖީ ޑްރިންކް ދަޅަކުން 8ރ ބޮޑުކޮށްފި


ސިނގިރޭޓް ފޮށްޓަކުން 20 ރުފިޔާ އަދި އެނާރޖީ ޑްރިންކު ދަޅަކުން 8 ރުފިޔާ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިޞްލާހް ގެންނަވައިފިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ހުށަހެޅުއްވި މި އިޞްލާޙް ފާސްކުރެއްވީ 52 މެމްބަރުންގެ ވޯޓުންނެވެ. މި އިޞްލާހް ފާސްކުރެއްވުމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވިއެވެ. މި އިޞްލާޙް ފާސްކުރައްވާފައި ވަނީ މަޖިލީހަށް އިޞްލާހް ހުށަހެޅުއްވި ގޮތަކަށް ނޫނެވެ. އިޤްތިޞާދީ ކޮމެޓީން ބިލްގެ މަސައްކަތް ކުރެއްވިއިރު ވަނީ ބިލަށް ބައެއް ބަދަލުތައް ގެންނަވާފައެވެ.

އެގޮތުން އާމިރު ބިލް ހުށަހެޅުއްވިއިރު ވިދާޅުވެފައި ވަނީ ސޮފްޓް ޑްރިންކްސް އަދި އެނަރޖީ ޑްރިންކުން ބޮޑުވާނީ ލީޓަރަކުން 4 ރުފިޔާ 60 ލާރި ކަމަށެވެ. ނަމަވެސް ކޮމެޓީން އެ މާއްދާއަށް މިހާރު ގެންނަވާފައިވާ އިޞްލާހުގައި ވިދާޅުވެފައި ވަނީ 4 ރުފިޔާ 60 ލާރި ބޮޑުވާނީ ހަމައެކަނި ސޮފްޓް ޑްރިންކުން ކަމަށެވެ. ނަމަވެސް އެނަރޖީ ޑްރިންކުން ލީޓަރަކަށް 33 ރުފިޔާ 64 ލާރި ބޮޑުކުރަން ކޮމެޓީން ވަނީ ނިންމަވާފައެވެ. މި އިސްލާހާއެކު ރާއްޖެއަށް ޢާންމުކޮށް އެތެރެކުރާ 250 މިލިލިޓަރުގެއެނަރޖީ ޑްރިންކުގެ ދަޅަކުން 8 ރުފިޔާ 41 ލާރި ބޮޑުވެގެންދާނެއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ކޮމެޓީން ގެންނަވާފައިވާ އިޞްލާހްގައި ވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރާށެވެ. އަދި ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަންވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންކަމުން ސިނގިރޭޓް ފޮށްޓެއް 70 ރުފިޔާ ނުވަތަ 80 ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.

މި އިސްލާހާއެކު ސިނގިރޭޓުން ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން، 200 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ދައުލަތުން ވަނީ ލަފާކުރައްވާފައެވެ. ފިޒީ ޑްރިންކްސްއަށް ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވެސް ދައުލަތުން ލަފާކުރައްވައެވެ.