ސިޔާސީ

ޕީޕީއެމްއާއި އަލަށް 600އަށްވުރެ ގިނަ މެންބަރުން ގުޅިއްޖެ


ޕީޕީއެމްއާއި އަލަށް 600އަށްވުރެ ގިނަ މެންބަރުން ގުޅިއްޖެއެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމްއާ އަލަސް ގުޅުނު މި މެންބަރުންގެ މެންބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. މީގެ ތެރޭގައި ހިމެނެނީ ހުވަދު އަތޮޅު އުތުރު ބުރީގެ 4 ރަށަކުން ޕާޓީއާ ގުޅުނު 400އަށްވުރެ ގިނަ މެންބަރުންނާއި މާމިގިލީން ޕާޓީއާ ގުޅުނު 150އަށްވުރެ ގިނަ މެންބަރުންގެ ފޯމެވެ. މީގެ އިތުރުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ތެރޭގައި ގެމަނަފުށީގެ ކައުންސިލަރެއްވެސް ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވައި، ބައެއް ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން މިފަދަ މަޝްރޫޢުތަކަށް ހުރަސްއެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގެވުމަށް ކައުންސިލްތަކުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީ މުހިންމުކަމެއްކަން ޖަމީލް އުސްމާން ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް ބޭފުޅުންވެސް ވާހަކަދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކައިގައި ރައީސް ޔާމީނަށް ތާޢީދު ކުރައްވައި ޕީޕީއެމްއާއި ގިނަ މީހުން ގުޅެނީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ހަރުދަނާކަމުންކަން ފާހަގަކުރައްވާފައިވެއެވެ.