ޚަބަރު

ހެވިކަމުގެ މުބާރާތް ހަތްއަހަރުގެ މެދުކެނޑުމަކަށްފަހު ފަށްޓަވައިފި


ސިފައިންގެ އެންމެ މަތީވެރިޔާގެ ވާދައިގެ ތަށްޓަށް ބާއްވަވާ ހެވިކަމުގެ މުބާރާތް ހަތްއަހަރުގެ މެދުކެނޑުމަކަށްފަހު ރޭ ފަށްޓަވައިފިއެވެ. ކަޅުތުއްކަލާ ކޮށީގައި ރޭ ފެށްޓެވި މި މުބާރާތަކީ ހެވިކަމުގެ ބާރަވަނަ މުބާރާތެވެ.

ހެވިކަމުގެ މުބާރާތެއް އެންމެ ފުރަތަމަ ސިފައިން ބާއްވަވާފައި ވަނީ 22 އަހަރު ކުރިންނެވެ. އެއީ 1995 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2010 ވަނަ އަހަރަށްފަހު ސިފައިންގެ ހެވިކަމުގެ މުބާރާތެއް ބާއްވަވާފައެއް ނުވެއެވެ. ހަތްއަހަރުފަހުން ބޭއްވެވި ސިފައިންގެ އެންމެ މަތީވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވަވާ ހެވިކަމުގެ މުބާރާތުގައި ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކަކުންނާއި ސިފައިންގެ ހުރިހާ ޔުނިޓުތަކުގެ ގެމަތައް ވަނީ ބައިވެރިވެފައެވެ. އަދި މިއީ ސިފައިންގެ ތާރީޚުގައިވެސް އަންހެން ސިފައިންގެ ވަކި ގެމައެއް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ޖުމްލަ 14 ގެމައެއް ބައިވެރިވެއެވެ.

img:http://s3.psmnews.mv/images/660x400/14883514447751.jpg|ހެވިކަމުގެ މުބާރާތް ފެށްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

ކަޅުތުއްކަލާ ކޮށީގައި ފެށްޓެވި ސިފައިންގެ އެންމެ މަތީވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވަވާ 12 ވަނަ ހެވިކަމުގެ މުބާރާތް ރަސްމީގޮތުން ފަށްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. އެމަނިކުފާނު މި މުބާރާތް ފަށްޓަވައިދެއްވުމާއެކު ސިފައިންގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމެއް ވަނީ ބާއްވަވާފައެވެ.

ޝަރަފުގެ ހިނގާލުމަށްފަހު އޮފިސަރުންގެ ޚާއްޞަ ޑްރިލެއް ވަނީ ދައްކަލާފައެވެ. މި ޑްރިލްގައި އޮފިސަރުން ބޭނުން ކުރައްވާފައިވާ ހަތިޔާރަކީ ކަނޑިއެވެ. ކަނޑިއަކީ މީގެކުރިން އެކި ހަނގުރާމަތަކުގައި ބޭނުންކުރި އެއްޗަކަށްވީ ނަމަވެސް މިހާރު ކަނޑި ބޭނުންކުރައްވަމުން އަންނަނީ އަސްކަރީ ޚާއްޞަ ރަސްމިއްޔާތުތަކުގައި ހަމައެކަނި އޮފިސަރުންނެވެ.

img:http://s1.psmnews.mv/images/660x400/14883514182601.jpg|ހެވިކަމުގެ މުބާރާތް ފެށްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މިއީ ސިފައިންގެ ތާރީޚުގައި އޮފިސަރުންތަކެއްގެ ޑްރިލްއެއް ހުށަހަޅުއްވި ފުރަތަމަ ފަހަރެވެ. މި ޑްރިލްގައި އަންހެން އަދި ފިރިހެން ސިފައިން ބައިވެރިވެފައިވާއިރު ޕައިޕް ބޭންޑެއްގެ ހުނަރުވެސް މި ޑްރިލްއިން ވަނީ ފެނިގެން ގޮސްފައެވެ. މި ބޭންޑްގައި ޙަރަކާތްތެރިވާ ދެ އޮފިސަރަކު ފިޔަވައި ބާކީ ތިއްބެވި އޮފިސަރުންނަކީ ދުވަހަކުވެސް މިއުޒިކްގެ އެއްވެސް އާލާތެއް ބޭނުންކުރެއްވި އަދި ކުޅުއްވި އޮފިސަރުންނެއް ނޫނެވެ. ޢާންމު ގޮތެއްގައި ޕައިޕް ބޭންޑެއް އެކުލަވާލަން އަހަރު ދުވަސް ހޭދަވި ނަމަވެސް ސިފައިންގެ އޮފިސަރުންގެ މި ޕައިޕް ބޭންޑް ވަނީ އެއްމަހާއި ދިހަ ދުވަހުގެ ތެރޭގައި މި ޑްރިލްއަށް ތައްޔާރުވެވަޑައިގެންފައެވެ.

img:http://s1.psmnews.mv/images/660x400/14883514298392.jpg|ހެވިކަމުގެ މުބާރާތް ފެށްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

އޮފިސަރުންގެ ޑްރިލްއަށްފަހު ދެން ކުރިއަށް ގެންދަވާފައިވަނީ އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ޙަރަކާތްތަކެކެވެ. ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުނު މުނާސަބަތުގައި އެ ސްކޮޑުން ދައްކުވައިދިން ހުށަހެޅުމުގެ ސަބަބުން އެމްއެންޑީއެފް ޑްރިލް ސްކޮޑް ވެގެން ގޮސްފައި ވަނީ ދިވެހިންގެ ތެރޭގައި މަޤްބޫލް ސްކޮޑަކަށެވެ.

img:http://s3.psmnews.mv/images/660x400/14883514555350.jpg|ހެވިކަމުގެ މުބާރާތް ފެށްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ޑްރިލް ސްކޮޑް ސައިލެންޓް ޑްރިލް ހުށަހަޅައިދެން ފަށްޓަވާފައި ވަނީ 2012 ވަނަ އަހަރުގައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ސިޔާމްގެ އިސްނެންގެވުމުގެ މަތިން ޚާއްޞަ ޑްރިލް ޓީމެއް ވަނީ އެކުލަވާލައްވާފައެވެ. މި ޓީމުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޖުމްލަ 50 އަށްވުރެ ގިނަ ޑިސްޕްލޭ ކާމިޔާބުކަމާއެކު ހުށަހަޅައިދީފައިވެއެވެ. ހެވިކަމުގެ ބާރަވަނަ މުބާރާތް ފެށްޓެވި ރަސްމިއްޔާތުގައި މި ސްކޮޑުން ހުށަހެޅި ޑިސްޕްލޭ ތައްޔާރުކޮށްދެއްވީ މި ޓީމުގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރުންގެ ޓީމަކުންކަން ފާހަގަކޮށްލެވެއެވެ.