ކުޅިވަރު

ގްރޫޕް ސްޓޭޖުން ޖާގަ ނުލިބި ވެެލެންސިޔާ ކަޓައިފި


އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ވެލެންސިޔާ ކަޓައިފިއެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް ދެވަނަ ލެގުގައި މިއަދު އިންޑިއާގެ މޯހަން ބަގާންއާ ވެލެންސިޔާ ވާދަކުރިމެޗް މޯހަން ބަގާން ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ. މިދެޓީމް މާލޭގައި ކުޅުނު މެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

 ވެލެންސިޔާ ކެޓުމުން ސައުތު އޭޝިއާ ޒޯންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައިވަނީ އިންޑިއާގެ މޯހަން ބަގާން، ބެންގަލޫރު އެފްސީ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއެވެ. މިއަދުގެ މެޗްގައި މޯހަން ބަގާންގެ ހަތަރު ލަނޑުގެ ތެރެއިން ތިންލަނޑު ކާމިޔާބުކުރީ އިންޑިއާ ޤައުމީ ޓީމްގެ ޖޭޖޭ ލާލް ޕެކްލުއާއެވެ. އޭނާ އަކީ މިދިޔަ ހަފްތާގައި މިދެޓީމް ރާއްޖޭގައި ކުޅުނު މެޗްގައި ބައިވެރިވި ކުޅުންތެރިއެއް ނޫންކަން ފާހަގަކޮށްލެވެއެވެ. 

އިންޑިއާގެ މޯހަން ބަގާންއާ ވެލެންސިޔާއަށް ޕްލޭއޮފްގެ ޖާގަ ލިބުނީ ޕްރިލިމިނަރީ ބުރުގެ މެޗްތައް ކާމިޔާބުކޮށްގެންނެވެ. ވެލެންސިޔާ ޕްރިލިމިނަރީ ބުރުގެ މެޗް ކާމިޔާބުކުރީ ބޫޓާންގެ ތިމްޕޫއެފްސީއާ ވާދަކޮށެވެ. މޯހަން ބަގާން ޕްރިލިމިނަރީ ބުރުގެ މެޗް ކާމިޔާބުކުރީ ކޮލޮމްބޯ އެފްސީއާ ވާދަކޮށެވެ.