ޚަބަރު

ދީނީ ވަޙުދަތާއި ޤައުމީ ރޫޙު އަލާކޮށް ދަމަހައްޓަންޖެހޭ!


ދިވެހިންނަކީ ޒަމާނުއްސުރެއް އެކުވެރިކަމާއި ހަމަޖެހުމާއެކު ދިރިއުޅެމުން އަންނަ ބައެކެވެ. ބޭރުބައެއްގެ އަޅުވެތިކަމެއްނެތި، ފުރިހަމަ މިނިވަންކަމާއެކު ދިވެހިން ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާއިރު، މި ޤައުމު މިނިވަންކަމަށް ލޮޅުން އަރާނެ އެއްވެސް ކަމަކަށް ދިވެހިން ފުރުޞަތެއް ނުދޭނެއެވެ. މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށް ދިނުމަށް ޒަމާނުންސުރެ ދިވެހިންގެ މެދުއޮތް ދީނީ އެއްބައިވަންތަކަން ދަމަހައްޓާ ދިވެހިންގެ ޘަޤާފަތާއި އާދަކާދަތަކަށް އިޙްތިރާމްކުރަންޖެހެއެވެ.

މިހާރަކަށް އައިސް ދިވެހިންގެޘަޤާފަތާއި އާދަކާދައާއި އެއްބައިވަންތަކަމަށް ބުރޫ އަރަމުންދާތަން މަދުމަދުން ނަމަވެސް ފެންނަމުންދެއެވެ. މިފަދަކަންކަމުން ސަލާމަތްވުމަށްޓަކައި ދިވެހިންގެ ތެރޭގައި ހުރި ރީތި ގޮތްތަކާއި އާދަކާދަތައް އުވިދިޔަ ނުދީ ދެމެހެއްޓެވުމަށްޓަކައި ޤައުމީ ރޫހްގައި އެންމެން އެކީ މަސައްކަތް ކުރަންޖެހެއެވެ.

ދިވެހިންގެ ޘަޤާފަތާއި ރީތިއާދަކާދަތައް އެހެން ޤައުމުތަކުގެ މީހުން، ނަމޫނާ އަކަށް ބަލަމުންދާއިރު، މި އަދާކާދަތަކާއި ޘަޤާފަތާއި އެއްބައިވަންތަކަން އުވިދިޔަ ނުދީ މަސައްކަތް ކުރުމަކީ ކޮންމެ ދިވެހިރައްޔިތެއްގެ ވެސް ޒިންމާއެކެވެ.

ދީނަށް ލޯބިކުރުމާއި މެޚުމާންދާރީ އަދާކުރުމުގައިވެސް ނަމޫނާ ދިވެހިންނަކީ ހީވާގި މަސައްކަތްތެރި، މަސައްކަތަށް ފަރުވާތެރި ބައެކެވެ. ދީނަށް ލޯބިކުރާ ދީނީ އަޅުކަންތަކަށް ސަމާލުކަން ދޭ ބައެކެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ދިރިއުޅުމުގެ ވައްޓަފާޅިއާއި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ރީތި އަދާތަކަށްވެސް މިވަނީ ބަދަލު އަންނަން ފަށާފައެވެ. ދިވެހިންގެ ދީނާ ތޮޅި ދީނާ ޚިލާފު ޚިޔާލާއި ފިކުރުތަކަށް ދިވެހިން ލެންބުމުގައި ގިނަ މަސައްކަތްތަކެއްވެސް ކުރެވެމުންދެއެވެ.

އިސްލާމްދީން ނޫން ދީނަކަށް މި ޤައުމުން އެންމެ އިންޗިއެއްވެސް ނުދިނުމަށް އަތުކުރި އޮޅާލައި އެކަތިގަޑެއްގެ ގޮތުގައި ތިބި އިރު އިހުޒަމާނުންސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އަލާކޮށް ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ.

ސިޔާސީ ފިކުރާއި، ޚިޔާލުތަފާތުވުންތަކުން ދުރުވެ، އިސްލާމް ދީނުގެ ރިވެތި އާދަތަކުގައި ހިފަހައްޓަންޖެހެއެވެ. އަޅުގަނޑުމެންނަކީ އަބަދުވެސް އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ އެހީތެރިކަން ދޭ ބަޔަކަށް ވާންޖެހެއެވެ. ފިތުނަ ފަސާދަ އުފެދޭ ވާހަކަތަކުން ދުރުހެލިވެ މުޢާމަލާތް ކުރުމުގައި ރީތި އަދަބުތަކާއި އަޙްލާގީ ރީތި ސިފަތަށް އަށަގަންނަވަންޖެހެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމަށް ބުރޫ އަރާނެ ހުރިހާ ކަމުން ދުރުވެ ޤައުމުގެ ތަރައްޤީޢާއި ކުރިއެރުމަށް މަސައްކަތް ކުރަންޖެހެއެވެ.

ޤައުމުގެ ތަރައްޤީގެ ބޮޑުބައެއް ހިއްސާކުރަނީ ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. ކާމިޔާބީއަކީ ވެސް މިއީއެވެ. ކާބަފައިން ދައްކުވައިދިން އެކުވެރިކަމާއި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އާލާކޮށް ދެމެހެއްޓުމަށް އެކުގައި އެންމެން މަސައްކަތްކުރަންޖެހެއެވެ.