ފ. އަތޮޅުގައި ހިންގުމަށް ރާއްވަވަމުން އަންނަ ބިޔަ މަޝްރޫޢަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރު ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
މި މަޝްރޫއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއިދުކުރައްވާކަން ހާމަކޮށްފައި މިވަނީ ފ. އަތޮޅުގައި ހިންގުމަށް ރާވާ މަޝްރޫއާއި ހުއްޓުވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވަނިކޮށެވެ. މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން ނިންމާލުމުގެ ކުރިން އިދިކޮޅު އެމްޑީޕީން ވަނީ ފ. އަތޮޅު ވިއްކާލަން އުޅޭކަމަށް ދެކެވޭ ވަހަކަތަކުގެ ހަގީގަތް ހޯދުމަށް ކޮމެޓީއަށް ހުށައަޅާފައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެމްބަރ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އިބްރާހީމް މުޙައްމަދު ޞާލިހް ހުށައެޅުއްވި މި މައްސަލައަށް ބަހުސްކުރައްވަމުން މި މަޝްރޫޢަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މެމްބަރުން މަރުހާބާވެސް ވިދާޅުވެފައިވެއެވެ.
ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރ އަޙްމަދު ނާޝިދު ވިދާޅުވީ ތެލުގެ ވިޔަފާރިއަށް ބަރޯސާވެފައިވާ ސައުދީ ފ. އަތޮޅުގައި ދުބާއީ މޮޑަލްއަށް ވިޔަފާރި ކުރުމުގެ ވިސްނުން ސައޫދީން ގެންގުޅުއްވާ ކަމަށް ބެލެވޭ ކަމަށެވެ. އެފަދަ ރަނގަޅު މަޝްރޫޢަކަށް މަރުހަބާ ވިދާޅުވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
"ތެލާ ބެހޭގޮތުން އޭގެ އެޖް ގެއްލޭތީވެ ސައުދީން މިއަދު ވަރަށް ބޮޑު ވިސްނުން އެބަ ގެންގުޅޭ ދުނިޔޭގެ އެކިތަންތަނުން ބިން ގަނެގެން ދުބާއީ މޮޑެލްއަށް ވިޔަފާރި ކުރުމަށް ވެސް. މިސްރުގެ ބިމެއް ގަންނަން {ސައުދީން} އުޅުމުން އެތަނުގެ ސުޕްރީމް ކޯޓުން އެ އޮތީ ހުއްޓުވާފައި. އެފަދަ ކަމެއް ރާއްޖޭގައި ސައުދީން ކުރަން އުޅޭ ކަމަށްވާ ނަމަ އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔަން އިނގޭތޯ،" ނާޝިދު ވިދާޅުވިއެވެ.
މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވި އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވީ އޭނާ އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ އެ މަޝްރޫޢު ހުއްޓުވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެ މަޝްރޫއާއި ގުޅޭ މައުލޫމާތު ހާމަކުރުން ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި މައްސަލައިގެ މަޢުލޫމާތު އަޅުގަނޑުމެން (މާލިއްޔަތު ކޮމެޓީ)އާ ޙިއްސާ ކޮށްދެއްވަން އަޅުގަނޑު މި މައްސަލަ ހުށަހެޅީ، އެއްވެސް ޙާލެއްގައި މި ޕްރޮޖެކްޓް ހުއްޓުވާކަށް ނޫން. މިކަމުގައި ތަފާތު ވާހަކަތައް ދެކެވެމުން އަންނާތީ މިކަމުގެ ހަޤީޤަތް ބަލަން. ރައީސް ޔާމީންވެސް އޮތީ އިޢުލާން ކުރައްވާފައި ފ.އަތޮޅަށް ބިޔަ ޕްރޮޖެކްޓެއް އަންނާނެ ކަމަށް،." އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެމްބަރ އިބްރާޙިމް ޝަރީފް ވިދާޅުވީ އެފަދަ ބިޔަ މަޝްރޫޢުއެއް ކުރިއަށްދާއިރު އެކަމުގެ މަޢުލޫމާތު މާލިއްޔަތު ކޮމެޓީން އެއްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ނުކުރާނެކަމަށެވެ. ނަމަވެސް ކަމާ ގުޅުންހުރި މަޢުލޫމާތުތައް ސަރުކާރުން ކޮމެޓީއާ ޙިއްސާ ކޮށްދެއްވުމަށް ޝަރީފްވެސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެޓީ ނިންމާލައްވަމުން މުޤައްރިރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެފަދަ އެއްވެސް ޕްރޮޖެކްޓެއް ފ.އަތޮޅުގައި ސަރުކާރުން ހިންގަވާނަމަ ކޮމެޓީގެ މުޤައްރިރުގެ ޙައިސިއްޔަތުން އެ މަޢުލޫމާތު ކޮމެޓީއަށް ގެންނަވާނޭކަމަށެވެ.