ކުޅިވަރު

ކީޕަރުން ނެތުމުގެ މައްސަލައިގައި އެފްއޭއެމްވެސް ޒިންމާވާން ޖެހޭ


ރާއްޖެއަށް ކީޕަރުންގެ މައްސަލަ ދިމާވުމުގެ ޒިންމާ އެފްއޭއެމްއިންވެސް ނަގަން ޖެހޭނެކަމަށް 17 އަހަރަށް ފަހު ޤައުމީ ޓީމުން ރިޓަޔަރ ކުރި ކީޕަރ އިމްރާން މުހައްމަދު ބުނެފިއެވެ.

ޤައުމީ ޓީމަށް ކީޕަރުންގެ މައްސަލަ ދިމާވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ފެންނަނީ ބިދޭސީ ކީޕަރުންނެވެ. އިމްރާން ބުނީ ކީޕަރުންގެ މައްސަލަ ދިމާވުމުގެ އަސްލަކީ ފެށުނީއްސުރެ އެފްއޭއެމްއިން އެކަމަށް އަޅާނުލުން ކަމަށާއި މިދިޔަ މާޒީގައި އެފްއޭއެމްގެ ޔޫތު ޑެވެލޮޕްމެންޓުންވެސް ކީޕަރުން އުފެއްދުމަށް މާބޮޑު އަހައްމިއްޔަތު ކަމެއް ދީފައިނުވާ ކަމަށެވެ. އެފްއޭއެމްގެ އެއްވެސް ދައުރެއްގައި މިކަމަށް ސަމާލުކަން ދީފައިނުވާ ކަމަށް އިމްރާން ބުންޏެވެ. ކީޕަރުން އުފެއްދުމަށް ކުރީގައި މަސައްކަތްތަކެއް ކުރިނަމަ މިއަދު ކީޕަރުން ނުލިބުމުގެ މައްސަލަ ދިމާނުވިސް ކަމަށް އިމްރާން ބުންޏެވެ.



"17 އަހަރަށްފަހު އަޅުގަނޑު ޤައުމީ ޓީމާ ވަކިވިއިރު ކީޕަރެއް އުފެއްދުމަށް މިދިޔަ 17 އަހަރު ދުވަހު ކުރެވުނީ ކޮން މަސައްކަތެއްތޯ ބަލަން އެބަޖެހޭ. 17 އަހަރުވާއިރު އެއީ ކީޕަރެއް ވިހައިގެން ކުޅޭހާ ދުވަސް އެއީ" އިމްރާން ބުންޏެވެ.

ފާއިތުވީ އަހަރުތަކުގައި ކީޕަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށާއި، ކީޕަރުންނަށް ދެމުން އައި އެވޯޑްވެސް ހުއްޓިފައިވާ ކަން އިމްރާން ފާހަގަކުރިއެވެ. އަދި ކްލަބްތަކުންވެސް ކީޕަރުންނަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށާއި ކޮންމެ ކްލަބަކުންވެސް ބަލާފައިހުރީ އަގުހެޔޮ ކީޕަރެއް ހޯދައިގެން ކުރިއަށް ދިއުމަށް ކަމަށް އިމްރާން ބުންޏެވެ. އެގޮތުން ކީޕަރުންނަށް ރަނގަޅު މުސާރަ ދިނުމަށް ކްލަބްތަކުން އިންކާރުކުރިކަން އަމިއްލައަށްވެސް ތަޖުރިބާކުރަން ޖެހުނުކަން އިމްރާން ފާހަގަކުރިއެވެ. މިކަން ހައްލުކުރަން ރާއްޖޭގެ ކްލަބްތަކުންވެސް އެފްއޭއެމްއިންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ކީޕަރުންނަށް އިތުބާރުކޮށްފަ އެކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރ އިމްރާން ބުންޏެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ގޯލްކީޕަރ ޓްރެއިނަރ ހަސަން ހަމީދު ބުނީ ދުރު މުސްތަޤްބަލަކަށް ވިސްނައިގެން ކީޕަރެއް އުފެއްދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކްލަބްތަކުންވެސް ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، އެކުދިންނަށް ފުރުސަތު ދޭނަމަ ތަފާތު ފެންނާނެ ކަމަށްވެސް ހަސަން ހަމީދު (ޑަކޭ) ބުންޏެވެ.

 "ކުރީގައި ކްލަބްތަކުން ރާއްޖޭގެ ކީޕަރުންނަށް ދިން ފުރުސަތު އަލުން ދޭން ޖެހޭ. އިތުބާރު ކުރަން ވެއްޖެ ދިވެހި ކީޕަރުންނަށްވެސް، އެހެންނޫނީ ޤައުމީ ޓީމްގެ ގޯލް ބަލަހައްޓާނެ ކޮލިޓީ ކީޕަރެއް ނުލިބޭނެ" ހަސަން ހަމީދު ބުންޏެވެ.



  ރާއްޖެގެ ފުރަތަމަ ޑިވިޝަންގެ އަށް ކްލްބްގެ ތެރެއިން އެއްނަމްބަރ ކީޕަރުންގެ ގޮތުގައި ދިވެހި ކީޕަރުން ފެންނަނީ ދެކްލަބަކުންނެވެ. އަނެއް 6 ކްލަބްގައި ތިބީ ބިދޭސީ ކީޕަރުންނެވެ. އިމްރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވައިރު ޤައުމީ ޓީމްގެ ގޯލް ބަލެހެއްޓާނެ ކީޕަރެއް ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ. މިއަހަރު ޤައުމީ ޓީމަށް ކުޅެން ތިބި ކީޕަރުންގެ ތެރެއިން ފުރަތަމަ އެގާރައިގެ ޖާގައެއް ކަށަވަރުވެފައިވަނީ ވެލެންސިޔާގެ ކީޕަރު މުޙައްމަދު ފައިސަލަށް އެކަންޏެވެ. މުޙައްމަދު އިމްރާން ވިކްޓްރީއަށް ބަދަލުވުމުން ފުރަތަމަ އެގާރައިގެ ޖާގަ ހޯދަން އޭނާއަށް ވަނީ އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އެހެންކަމުން ޤައުމީ ޓީމްގެ ގޯލަށް މެޗު ތަޖުރިބާއާއެކު ދެ ކީޕަރުން ހޯދުންވެސް މިވަނީ އުނދަގޫކަމަކަށްވެފައެވެ. 

ޤައުމީ ޓީމް މުޙިއްމު އަހަރަކާ ކުރިމަތިލާއިރު ޓީމްގެ ގޯލް ބަލަހައްޓާނެ ކީޕަރެއް ބަދަލުކީޕަރެއްވެސް ފެންނަން ނެތުމަކީ މިއަދު މުޅި ފުޓްބޯޅައަށް އޮތް ކަންބޮޑުވުމެކެވެ.