ކުޅިވަރު

ބަންގްލަދޭޝް މުބާރާތުގެ ފައިނަލުން ޓީސީ ޖާގަ ހޯދައިފި


ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތުގެ ފައިނަލުންރާއްޖޭގެ ޓީސީ ޖާގަ ހޯދައިފިއެވެ. ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މިމުބާރާތުގެފައިނަލުން ޓީސީ ޖާގަ ހޯދީ ނޭޕާލްގެ މަނަންގއާއި ވާދަކޮށް އެއްލަނޑު ސުންލަނޑުންމެޗް ކާމިޔާބުކޮށްގެންނެވެ. 

ޓީސީގެ ތާރީޚުގައި އެކްލަބް ވާދަކުރާ ފުރަތަމަ މުބާރާތުގެފައިނަލަށް ޓީސީ ގެންގޮސްދިން ލަނޑު މެޗްގެ 83ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ ނާފިޢުއެވެ. މެޗްގެ ފުރަތަމަ ހާފް ލަނޑެއް ނުޖެހި ނިމުނުއިރު މިހާފްގައި ޓީސީގެއިބްރާހިމް މަހުދީއަށް ލަނޑު ޖަހަން ހުސްފުރުސަތެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ހާފްގައި ޓީސީ ޑިފެންސިވް ގޭމެއް ކުޅުނުއިރު ނޭޕާލްގެ މަނަންގއިންވަނީ ނުރައްކާތެރި ހަމަލާތަކެއް މިހާފްގައި ޓީސީގެ ގޯލަށް ފޮނުވާލާފައެވެ. މިހަމަލާތަކުގެ ހުރަހަކަށްވީ މިމުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީސީގެ އަދި ނޭޕާލްގެވެސް އެއްނަމްބަރ ކީޕަރ ކިރަން ކުމާރެވެ.

 ޓީސީ މުބާރާތުގެސެމީފައިނަލުން ޖާގަ ހޯދީ މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ފައިނަލްގައި ޓީސީއާ ވާދަކުރާ ޓީމެއް އިނގޭނީ މާދަމާ ކޮރެއާގެ ޕޮޗެއޯން އެފްސީއާ ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ ލިމިޓެޑް މެޗަށްފަހުއެވެ.