ތިމާވެށި

ހަކަތައަށް ހޭލުންތެރިކުރުވުމަށް ވީޑިއޯ ސްޕޮޓްތަކެއް ލޯންޗުކޮށްފި


ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް އާއްމުން ހޭލެންތެރިކުރުވުމަށްޓަކައި ވީޑިއޯ ސްޕޮޓްތަކެއް ލޯންޗުކޮށްފިއެވެ. 

މި ވީޑިއޯ ސްޕޮޓްތައް ލޯންޗުކޮށްދެއްވީ މިދިޔަ އަހަރު ބޭއްވި އެނަރޖީ އެފިޝިއަންސީ އާޓް ކޮމްޕެޓިޝަންގެ ނަތީޖާ އިޢުލާންކުރުމަށް ޗަމްޕާ ސެންޓަރަލް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ.

ޢާއްމުކޮށް ހުޅުވައިލައިގެން ބޭއްވެވި މި މުބާރާތަކީ، އެނަރޖީ އެފިޝިއެންސީ ބެޖެއް ތައްޔާރުކުރެއްވުމަށްޓަކައި ބޭއްވެވި މުބާރާތެކެވެ. ހަތަރު ޢުމުރުފުރާއަކަށް ބައްސަވާލައްވައިގެން ބޭއްވެވި މި މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމުގެ ރަސްމިއްޔާތުގައި އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ އެއްވަނައަށް ހޮވުނު ހަތަރު ކުރެހުން ބެޖެއްގެ ގޮތުގައި ތައްޔާރުކުރައްވައި ގާލްގައިޑް އަދި ސްކައުޓް އެސޯސިއޭޝަނާ ޙަވާލުކުރައްވާނެކަމަށެވެ.  

މި ރަސްމިއްޔާތުގައި ދެމެހެއްޓެނެވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ދެ ވީޑިއޯ ސްޕޮޓެއް ވަނީ ލޯންޗްކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14881975629727.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ މި ވީޑިއޯ ސްޕޮޓްތައް މީޑިއާ މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސްދެއްވަމުން ގެންދަވާނެކަމަށެވެ. އާޓް ކޮމްޕެޓިޝަންގެ ވަނަތަކަށް ހޮވުނު ފަރާތްތަކާ އިނާމް ޙަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއިން ހަކަތައިގެ ދާއިރާއަށް ޖީޑީޕީގެ ބޮޑުބައެއް ޙަރަދަކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ ހަކަތަ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށާއި، ދެމެހެއްޓެނެވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ކުރިޔަށްގެންދެވުނު މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެނަރޖީ އެފިޝިއެންސީ އާރޓް ކޮމްޕެޓިޝަން ކުރިޔަށްގެންދެވީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މި މުބާރާތް ހަތަރު ޢުމުރުފުރާއަކަށް ބައްސަވާލައްވާފައިވާއިރު، ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ ޢުމުރުފުރާއިން އެއްވަނައަށް ދިޔައީ މަރިޔަމް ޝްޖްރާ ސާމިރުގެ ކުރެހުމެވެ. ދިހަ އަހަރާއި އެގާރަ އަހަރާ ދެމެދުގެ ޢުމުރު ފުރާއިން އެއްވަނައަށް ދިޔައީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު ނާއިހު އިލްޔާސް އަޙްމަދުއެވެ. ބާރަ އަހަރާއި ސަތާރަ އަހަރާ ދެމުދުހެ އުމުރު ފުރާއިން އެއްވަނައަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު އީޝަލް އަޙްމަދު ނަޞީރުގެ ކުރެހުމެވެ. އަދި އަށާރަ އަހަރާއި ފަންސަވީސް އަަހަރާ ދެމެދުގެ އުމުރު ފުރާއިން އެއްވަނައަށް ހޮވުނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު އަބާން މުޙައްމަދު ޒާހިރުއެވެ.