ޚަބަރު

ފާފު އަތޮޅު މަޝްރޫޢުގެ މަޢުލޫމާތު މާލިއްޔަތުކޮމިޓީން ހޯދަނީ


ފ. އަތޮޅުގައި ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢާ ބެހޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހޯދަން ފަށައިފިއެވެ. 

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގެ މަޢުލޫމާތު އެކޮމިޓީއަށް ހޯއްދެވުމަށް ހުށަހެޅުއްވީ ހިންނަވަރުދާއިރާގެ މެމްބަރު އިބްރާހީމް މުޙަންމަދު ޞާލިޙެވެ. ސަރުކާރުހިންގާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މި ކޮމިޓީގެ މުޤައްރިރަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިންމަނިކެވެ. ނިހާން ވިދާޅުވީ އިބްރާހީމް މުޙަންމަދު ޞާލިޙު ހުށަހެޅުއްވި މައްސަލައާ ގުޅުންހުރި މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކުން ހޯއްދަވާނެކަމަށެވެ. 

މި މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ފ.އަތޮޅުގައި އެއްވެސް ބިޔަ ޕްރޮޖެކްޓެއް ހިނގާ ކަމަށްވާނަމަ އެކަމަށް މަރުޙަބާ ވިދާޅުވާކަަމަށެވެ. އަދި މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ އެ ޕްރޮޖެކްޓް ހުއްޓުވުމުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މި މައްސަލައިގެ މަޢުލޫމާތު އަޅުގަނޑުމެން (މާލިއްޔަތު ކޮމެޓީ)އާ ޙިއްސާ ކޮށްދެއްވަން އަޅުގަނޑު މި މައްސަލަ ހުށަހެޅީ، އެއްވެސް ޙާލެއްގައި މި ޕްރޮޖެކްޓް ހުއްޓުވާކަށް ނޫން. މިކަމުގައި ތަފާތު ވާހަކަތައް ދެކެވެމުން އަންނާތީ މިކަމުގެ ހަޤީޤަތް ބަލަން. ރައީސް ޔާމީންވެސް އޮތީ އިޢުލާން ކުރައްވާފައި ފ.އަތޮޅަށް ބިޔަ ޕްރޮޖެކްޓެއް އަންނާނެ ކަމަށް،." އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މި މައްސަލައަށް ބަހުސް ކުރެއްވުމަށް ކޮމެޓީގެ މުޤައްރިރު ވަނީ މެމްބަރުންނަށް ފުރުޞަތު ދެއްވަވާފައެވެ. މި ފުރުޞަތުގައި ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ފ.އަތޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް މީޑިއާތަކުގައިވެސް އަދި އެހެނިހެން ތަންތާނގައިވެސް ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު ވިދާޅުވީ، ފ.އަތޮޅުގެ މައްސަލާގައި މާލިއްޔަތު ކޮމެޓީން ޖަވާބުދާރީވާންޖެހޭ ކަމަށެވެ. ނަމަވެސް އެ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާ ކަމަށްވާނަމަ އެފަދަ ގޮތް ގޮތަށް ދޫކޮށްފައިވާ ހުރިހާ ރަށެއްގެ މައްސަލައެއް މާލިއްޔަތު ކޮމެޓީން ބަލަން ޖެހޭނެ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

"މި މައްސަލަވެސް ބަލަންވީ. އެކަމަކު މި މައްސަލަ ބަލާ ކަމަށްވާނަމަ މިފަދަ ގޮތްގޮތަށް ހިނގާފައިވާ ހުރިހާ ކަމެއް ބެލުމަށް އަޅުގަނޑު ތާޢީދު ކުރަން،." އާމިރު ވިދާޅުވިއެވެ.

އާމިރުގެ ވާހަކަތަކަށް ތާޢީދުކުރައްވާ ވާހަކަފުޅުދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ގޯހެއް ހެދިފައި އޮތް ކަމަށްވާނަމަ އެކަމުގެ މަތީގައި ދެމިތިބުމުގެ ބަދަލުގައި އެކަން އިޞްލާޙް ކުރުމަކީ އޮތް ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައިވެސް ގޯހެއް ހިނގާފައިވޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި.

"ހަމަ ބަލަންވީ. ކޮންމެ ކަމެއްގައިވެސް ގޯހެއް ހިނގާފައި އޮތް ކަމަށްވާނަމަ އެކަން ބަލަންވީ. ބަލާފައި ފިޔަވަޅުވެސް އަޅަންވީ. ގޯހެއް ހިނގާފައި އޮތިއްޔާ އެކަމަށް ބަދަލު ގެންނަން އެބަޖެހޭ ދެއްތޯ،." ޢަބްދުލްޣަފޫރު މޫސާގެ ވިދާޅުވިއެވެ.

ކޮމެޓީ ނިންމާލައްވަމުން މުޤައްރިރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މައްސަލައަށް ބަހުސް ކުރައްވަން ހުޅުވާލެއްވި ފުރުޞަތުގައި ހުރިހާ މެމްބަރުންވެސް ތަފާތު ޚިޔާލުތަކެއް ދެއްވާފައިވާ ކަމަށެވެ. ނިހާން ވިދާޅުވީ އެފަދަ އެއްވެސް ޕްރޮޖެކްޓެއް ފ.އަތޮޅުގައި ސަރުކާރުން ހިންގަވާނަމަ ކޮމެޓީގެ މުޤައްރިރުގެ ޙައިސިއްޔަތުން އެ މަޢުލޫމާތު ކޮމެޓީއަށް ގެންނަވާނެ ކަމަށެވެ.

ފާފު އަތޮޅުގައި ހިންގާ ބިޔަ މަޝްރޫޢާގުޅޭގޮތުން ޑރ.މުޙަންމަދު ޝައިނީ ކުރިން ވިދާޅުވެފައިވަނީ އެމަޝްރުޢުގެ ތަފްސީލް މަޢުލޫމާތު ހާމަކުރާ ހިސާބަށް އަދި ނުދާކަމަށެވެ. މިފަދަ ބިޔަ މަޝްރޫޢުތަކަކީ، ވަކިކަހަލަ އެއްބަސްވުންތަކާއެކު، ސުންގަޑިތަކެއް ކަނޑައެޅިގެން ހިނގާ ކަންކަން ކަމަށާ، މަޢުލޫމާތު ހާމަކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނުޖެހެނީ އެކަން ނުކުރެއްވޭނެކަމަށް ޑރ.ޝައިނީ ވިދާޅުވެފައިވެއެވެ. އެއީ ދުނިޔޭގެ ދެތިން ތަނަކުން ނޫނީ ނުފެންނަވަރުގެ ބިޔަ މަޝްރޫއެއްކަމަށް ޑރ.ޝައިނީ ވަނީ ވިދާޅުވެފައެވެ.