ޚަބަރު

"މަގޭ ވޯޓު ތަރައްޤީއަށް ދޭންޖެހޭ "


ތަރައްޤީއަށް ފެން ބޮވައިގެންފައިވާ ކޮންމެ ދިވެހި ރައްޔިތަކުވެސްސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއާ ގުޅެމުން ދަނީ ހިތާ ރޫޙުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރަމުންދަނީ ގަދަކަމުން މަޖުބޫރުން ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު ފަލާހް ހުށަހެޅުއްވި ޤަރާރަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ސަބަބެއް ކަމަށް އަބްދުއްރަޙީމް ވިދާޅުވީ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ދަޢުވާކުރާ އެމްޑީޕީން މިއަދު ޕީޕީއެމްއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ޤަބޫލުކުރައްވާފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަކީ ކޮންމެ އެޕާޓީއެއްގެ ކޮންމެ މެމްބަރަކަށްވެސް ކުރެވޭނެ ކަމެއް ކަމަށެވެ.

" ޕީޕީއެމްއަށް ރައްޔިތުން ގުޅެމުން ދަނީ ރައްޔިތުންގެ ހިތާ ރޫޙުން، ޕީޕީއެމްއަށް ވަންނަން ބޭނުން ވާތީ. މަގޭ ވޯޓު ތަރައްގީއަށް ދޭންޖެހޭ،" ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ރިފާޢު ވިދާޅުވީ ޕީޕީއެމްއަށް މެމްބަރުން އިތުރުވަމުން އަންނަނީ ރައީސް ޢަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީގެ ސަބަބުންނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ޚިދުމަތުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ދެކަނބަލުން ޤައުމަށް ކޮށްދެއްވާ ކަންތައްތަކުގެ އަގު މިއަދު ދިވެހި ރައްޔިތުންނަށް ދެވެން އޮތް ހަމަ އެކަނި ގޮތަކީ ޕީޕީއެމްއަށް ވަނުންކަމަށް ރިފާޢުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރ މުޙައްމަދު ފަލާހް މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީޕީޕީއެމްއަށް މެމްބަރުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު އެޕާޓީއަށް މެމްބަރުން އިތުރު ކުރަމުން އަންނަނީ، މަޖުބޫރުން ކަމަށެވެ. އަދި އެކަންރައްޔިތުންގެ މަޖިލީހުން ބެލުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.