ތަރައްްޤީ

މެޑަލްތަށް ބަހައްޓަން ވަކި ގެއެއް ހުންނާނެ - އިބްރަހިމޮވިޗް


ރޭ ލިބުނު މެޑަލްވެސް ބަހައްޓާނީ މެޑަލްތަށް ބަހައްޓަން ހަދާފައި ހުންނަ ވަކިތަނެއްގައިކަމަށް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

ސްވިޑެންގެ ފޯވާޑަކީ އަބަދުވެސް ނޫސްވެރިންގެ ސުވާލުތަކަށް މޮޅު ޖަވާބުތަށްދޭ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ.

އިނގިރޭސި ލީގް ކަޕްގެ ޗެމްޕިއަންކަން މެނެޗސްޓަރ ޔުނައިޓެޑް ހޯދި މެޗަށްފަހު ނޫސްވެރިޔަކު އިބްރަހިމޮވިޗްއާއި ސުވާލުކުރިއެވެ. "ތި ލިބޭ މެޑަލްތަކަށް ހަދަނީ ކިހިނެއް؟ އަދި ތި ބަހައްޓަނީ ކޮންތާކު؟" ނޫސްވެރިޔަކު ސުވާލުކުރިއެވެ. "އެ މެޑަލްތަށް ބަހައްޓަން ހުންނާނެ މިއުޒިއަމެއް. އެއީ އަހަރެން ވަކިން ހަދާފައި ހުންނަ ގެއެއް" ޖަވާބުގައި މަޖާކުރާ ރާގުގައި މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަނުގައި ސައްބީސް ގޯލް މިހާތަނަށް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ދެ ގޯލް ކާމިޔާބުކޮށްދިން އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑާއެކު ހޯދޭ ކާމިޔާބަށް އުފާވާކަމަށް ބުނެފައެވެ.

35 އަހަރުގެ ކުޅުންތެރިޔާ ބުނީ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ ކާމިޔާބު ހޯދަންކަމަށާ އެކަން ކުރެވޭތީ ވަރަށް އުފާވާކަމަށެވެ. އިބްރަހިމޮވިޗް ބުނީ އެހެން ކުޅުންތެރިންނަށް ތައްޓެއް ލިބުމުގެ ކުރިން ވާހަކަދައްކަން ނުކުރޭނެކެމަށާ އެކަމަކު އޭނާ މާ ކުރިންވެސް ތަށި ހޯދާނެކަމަށް ބުނަމުންދިޔަކަމަށެވެ. އެހެން ކުޅުންތެރިންނާއި އޭނަގެ ތަފާތަކީ އެއީކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ މޮރީނިއޯފަދަ ކޯޗަކު ގެންނައިރުވެސް އެފަދަ ކޯޗެއް ގެންނާނީ ތަށި ހޯދުން ފިޔަވާ އިތުރު ބޭނުމަކު ނޫންކަމަށެވެ. އަދި އޭނާފަދަ ކުޅުންތެރިޔަކު ގެންނައިރުވެސް ތަށި ނޫން އިތުރު އެއްޗަކަށް އުންމީދުކޮށޮގެން ނުގެންނާނެކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ގެނައިއިރު ބައެއް ފަރާތްތަކުން ބުނަމުންދިޔައީ އޭނާޔަށް އިނގިރޭސި ލީގުގައި އޭނާ އެހެން ލިގުތަކުގައި ދެއްކިފަދަ މޮޅު ކުޅުމަކާ، ގިނަ ގޯލްތަކެއް ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އިބްރަހިމޮވިޗް ވަނީ އޭނަޔަކީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑްކަން ސާބިތުކޮށްދީފައެވެ.

 ޒްލަޓާން އިބްރަހިމޮވިޗް ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ ގިނަ ލީގްތަކެއްގައި އެންމެ ގިނަ ކާމިޔާބީހޯދި އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.