ޚަބަރު

އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ހުޅަހެޅި އިސްލާހު އެޖެންޑާ ކޮށްފި


ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙް ދިރާސާކުރައްވާ އިޤްތިޞާދީ ކޮމެޓީން ނިންމެވި ނިންމެވުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު މަޖިލީހަށް ހުށަހެޅުއްވި މި އިޞްލާހް ކޮމެޓީން ދިރާސާ ކުރެއްވިއިރު ވަނީ ބައެއް ބަދަލުތައް ގެންނަވާފައެވެ. އެގޮތުން އާމިރު ބިލް ހުށަހެޅުއްވިއިރު ވިދާޅުވެފައި ވަނީ ސޮފްޓް ޑްރިންކްސް އަދި އެނަރޖީ ޑްރިންކުން ބޮޑުވާނީ ލީޓަރަކުން 4 ރުފިޔާ 60 ލާރި ކަމަށެވެ. ނަމަވެސް ކޮމެޓީން އެ މާއްދާއަށް މިހާރު ގެންނަވާފައިވާ އިޞްލާހުގައި ވިދާޅުވެފައި ވަނީ 4 ރުފިޔާ 60 ލާރި ބޮޑުވާނީ ހަމައެކަނި ސޮފްޓް ޑްރިންކުން ކަމަށެވެ. ނަމަވެސް އެނަރޖީ ޑްރިންކުން ލީޓަރަކަށް 33 ރުފިޔާ 64 ލާރި ބޮޑުކުރަން ކޮމެޓީން ވަނީ ނިންމަވާފައެވެ. އެހެންކަމުން އިޞްލާހް ފާސްވެއްޖެނަމަ ރާއްޖެއަށް ޢާންމުކޮށް އެތެރެކުރާ 250 މިލިލިޓަރުގެ އެނަރޖީ ޑްރިންކުގެ ދަޅަކުން 8 ރުފިޔާ 41 ލާރި ބޮޑުވެގެންދާނެއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ކޮމެޓީން ގެންނަވާފައިވާ އިޞްލާހްގައި ވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރާށެވެ. އަދި ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަންވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންކަމުން ސިނގިރޭޓް ފޮށްޓެއް 70 ރުފިޔާ ނުވަތަ 80 ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.

އިޞްލާހް ފާސްވެއްޖެނަމަ ސިނގިރޭޓުން ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން، 200 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ދައުލަތުން ވަނީ ލަފާކުރައްވާފައެވެ. ފިޒީ ޑްރިންކްސްއަށް ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވެސް ދައުލަތުން ލަފާކުރައްވައެވެ.