ތިމާވެށި

ބޮޑުފޮޅަދޫ ރަށުތެރެ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ފަށްޓަވައިފި


އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅަދޫ ކައުންސިލުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ފަށްޓަވައިފިއެވެ. މި ޙަރަކާތުގައި ރަށުތެރެ ސާފުކުރުމުގެ އިތުރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.

އއ.ބޮޑުފޮޅަދުއަކީ ސާފު ރައްކާތެރި ރަށަކަށް ހެއްދެވުމުގެ ގޮތުން އެރަށު ކައުންސިލުން ވަނީ ޕްލޭންތަކެއް އެކުލަވާލައްވައި އެޕްލޭންތަކާ އެއްގޮތަށް މަސައްކަތް ފަށްޓަވާފައެވެ. މިގޮތުން ރަށުތެރެ ސާފުކުރެއްވުމުގެ އެކިއެކި ޕްރޮގްރާމްތަކާއި، ކުންޏާމެދު ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކައުންސިލާއި ރައްޔިތުން ގުޅިވަޑައިގެން ރަށުތެރެއާއި އެރަށު ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގަވާފައެވެ. މިޙަރަކާތް ކުރިއަށްގެންދެވީ ރަށުގެ އެކި ސަރަޙައްދުތައް ވަކިކުރައްވައި އެސަޙައްދުތައް ސާފުކުރުމަށް އެކިއެކި ގްރޫޕްތަކާ ޙަވާލުކުރައްވައިގެންނެވެ. ރަށުތެރެ ސާފުކުރެއްވުމަށްފަހު އެރަށުގެ އެކި ސަރަޙައްދުތަކުގައި ކައުންސިލުން ވަނީ ޑަސްބިން ބަހައްޓަވާފައެވެ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާޢު އާދަމް ވިދާޅުވީ، ރައްޔިތުންގެ އެހީތެރިކަމާއެކު، ކޮންމެ އަހަރަކުވެސް ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމަށް ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ.

"ކައުންސިލުން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް މުޅިރަށް ސާފުކުރުމުގެ މެގަ އިވެންޓެއް ކުރިއަށްގެންދަން. މިހާރު އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ފަރާތްތަކުން ރަށުތެރެއަށް ކުނިއަޅަމުންދާ މަންޒަރު. މަދުންނަމަވެސް އެބަ ދިމާވޭ މިމައްސަލަ. މިހެންދިމާވާތީ އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ މި މެގައިވެންޓްގެތެރޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނަން ކުނި ނޭޅުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށްގެންދާނަން. އަދި އޭގެއިތުރުން މި ކެމޭނިޒަމްގެ ތެރެއިން ރަށުގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓިގެންދާނެ. ޑަސްބިންތައް ބެހެއްޓުމަށްފަހު އަޅުގަނޑުމެން، ޒުވާނުންނަށްވެސް ބާރުއަޅާނަން މަގުމައްޗަށް ކުނި ނޭޅުމަށާއި ޑަސްބިންތަކުގެ ބޭނުން ހިފުމަށް" ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާޢު އާދަމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އެރަށުގެ ބައެއް ރައްޔިތުން ބުނީ، މިފަދަ ޕްރޮގްރާމެއް ކައުންސިލުން ފެށްޓެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި މިކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ބޮޑުފޮޅަދުއަކީ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވާއިރު ރަށުރެތެ ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.