"ހީވާގި ކަނބަލުން 2017'' މަޢުރަޒަށް ދިހަހާހަށް ވުރެ ގިނަ މީހުން މިހާތަނަށް ޒިޔާރަތްކޮށްފައިވާކަމަށް މައުރަޒުގެ އިންތިޒާމް ކޮމެޓީން ހާމަކޮށްފިއެވެ.
"ހީވާގި ކަނބަލުންގެ މައުރަޒަކީ ކަނބަލުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އެއްތަނަކުން ދައްކުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުކުރުދުވަހު ޢާންމުންނަށް ހުޅުވާލުމާއި އެކު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މައުރަޒަށް ޒިޔާރަތްކޮށްފައެވެ. މި މައުރަޒުގައި ފަތުރުވެރިންނަށް ހުޅުއްވާލި ފުރުޞަތުގައި ގިނަ ޢަދަދަކަށް ފަތުރުވެރިން މަޢުރަޒަށް ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިންނަށް ހުޅުއްވާލާފަވަނީ އިއްޔެއާއި މިއަދު މެދުރު ދޭކުން ފެށިގެން ހަވީރު ހައެއް ޖެހުމާ ހަމައަށެވެ. އެގޮތުން އިއްޔެގެ ހަވީރު ދަންފަޅި ނިންމާލިއިރު 10،000 އަށް ވުރެ ގިނަ މީހުން އެ މައުރަޒަށް ޒިޔާރަތްކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މި މައުރަޒުގެ އިންތިޒާމް ކޮމެޓީގެ މެމްބަރެއް ކަމަށްވާ ޒީނާޒް އަދުނާން ވިދާޅުވީ މައުރަޒުގައި ވިއްކުމަށް ބަހައްޓާފައި ހުރި ގިނަ ތަކެތި މިހާރު ވިކިފައިވާ ކަމަށެވެ. މި މައުރަޒުގެ ކޮންމެ ދަންފަޅިއެއްވެސް ނިމިގެންދަނީ ކާމިޔާބު ދަންފަޅިއެއްގެ ގޮތުގައި ކަމަށް ޒީނާޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މައުރަޒުގެ ތަކެތި ބައިވެރިކުރެއްވި އަންހެން ކަނބަލުންގެ ހުނަރުތައް ވަގުތުން ބަލާލުމުގެ ފުރުޞަތު މައުރަޒުގެ ތެރެއިން ފެނިގެންދެއެވެ. އަދި މައުރަޒު ކުރިއަށް ދާއިރު ލައިވް ކުކިންގއާއި ސްޓޭޖް ޝޯއާއި ޘަޤާފީ ކުޅިވަރުތައްވެސް ދަރުބާރުގޭގައި ކުރިއަށްދެއެވެ.
މި މަޢުރަޒުގައި ރާއްޖޭގެ ތާރީޚާއި ޘަގާފަތް ރަމްޒުކޮށްދޭ 26،000 އަށް ވުރެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ވަކިވަކި ކަނބަލުންގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އަންހެނުންގެ ކޮމިޓީތަކާއި ކްލަބު ޖަމްޢިއްޔާތަކުންވެސް މި މައުރަޒުގައި ތަކެތި ބައިވެރިކޮށްފައިވެއެވެ. މިއީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އަންހެނުން ޙަރަކާތްތެރިވާކަމާއި، އަންހެނުންގެ ޙިއްޞާ ދައްކުވައިދޭ މި ފަދަ މައުރަޒެއް ރާއްޖޭގައި ބޭއްވެވި ފުރަތަމަ ފަހަރެވެ. މާދަމާ ނިއަލަށް ކުރިއަށްދާ މި މައުރަޒު ހުޅުއްވާފައި ހުންނާނީ ހަވީރު 4 އަކުން އިރުއޮއްސި 6 އަށް. އަދި ރޭގަނޑު 8 އިން 12 އަށެވެ.