ޚަބަރު

މީސަލްސް ނައްތާލުމުގައި އެހީތެރިވުމަށް ދުންޔާ ގޮވާލައްވައިފި


ރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭނުގައި ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުންނާ އެއްމެހާ ރައްޔިތުން ބައިވެރިވެ، ރާއްޖޭއިން މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމުގައި އެހީތެރިވެދެއްވުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ. 

އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ފެށްޓެވި މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕޭންގެ ދަށުން، ސްޓެލްކޯގައި ޤާއިމްކުރެއްވި ވެކްސިން ޕޯސްޓް އިފްތިތާޙުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. މިކެމްޕޭންގެ ދަށުން މާލެއާ އަތޮޅުތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވައެވެ. 

މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން، ވެކްސިން ޖެހުމުގެ އިންތިޒާމު މާލޭގެ 11 ސަރަޙައްދެއްގައި އެޗްޕީއޭއިން ވަނީ ޤާއިމްކުރައްވާފައެވެ. އޭގެ ތެރޭގައި، އައިޖީއެމްއެޗާއި، ސެނެހިޔާ، ވެލާނާގޭ، އެމްއެންޔޫ ބިޒްނަސް ސްކޫލް، ނޯތު ހާބަރ، ރޯޝަނީ ބިލްޑިންގ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރ، އޮލިމްޕަސް، ޔޫތް ސެންޓަރ، އާރޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނެއެވެ. މި ކެމްޕެއިންގެ ދަށުން ވެކްސިން ޖަހާނީ އުމުރުން 8 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނާއި، 15 އަހަރާ 25 އަހަރާ ދެމެދުގެ ކުދިންނާ ޒުވާނުންނަށެވެ. އަދި މިސަލްސްގެ އެއްޑޯޒު ޖަހާފައިވާ ކުދިންނަށްވެސް މިކެމްޕެއިންގެ ދަށުން ވެކްސިން ދެވޭނެއެވެ. 

މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިން ރަސްމީކޮށް ފެށްޓެވުމުގެ ގޮތުން ވަނީ ދަރުމަވަންތަ ސްކޫލާއި ސްޓެލްކޯގައި ވެކްސިނޭޝަން ޕޯސްޓު އިފްތާޙުކުރައްވާފައެވެ. ދަރުމަވަންތަ ސްކޫލްގައި މި ޕްރޮގްރާމްގައި ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. އަދި ސްޓެލްކޯގައި މި ކެމްޕެއިން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ދުންޔާ މައުމޫނެވެ. 

img:http://s2.psmnews.mv/images/660x400/14881201284282.jpg|ސްޓެލްކޯގައި ޤާއިމްކުރެއްވި ވެކްސިން ޕޯސްޓް އިފްތިތާޙުކުރެއްވުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ ވެކްސިނޭޝަން ޕޯސްޓު އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. ޚާއްޞަކޮށް އެކިއެކި ބަލިތައް ނައްތާލުމުގައި ރާއްޖޭއިން ހޯދަމުން އަންނަ ކުރިއެރުން ސްޓޭޓް މިނިސްޓަރ ދުންޔާ ފާހަގަކުރެއްވިއެވެ. ދުންޔާ ވަނީ، މީސަލްސް ނައްތާލުމުގައި ހުރިހާ ޒުވާނުން ބައިވެރިވެ މިކަމުގައި އެހީތެރިވުމަށް ގޮވާއްލައްވާފައެވެ.

'' ޒުވާނުން އުމުރުފުރާތަކާއި، މިކަމުގައި ބައިވެރިވެ އެއްބާރުލުން ދެއްވާ، ރާއްޖެއިން މީސްލްސް ނައްތާލުމަށް އެކީ މަސައްކަތްކުރުމަށް. ސްރީލަންކާ، ބޫޓާން،އާ އަޅާބަލާއިރު، އެކިއެކި ނައްތާލުމުގައި ވަރަށް ކުރީގައި މިއުޅެނީ، ރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއް މިހާރު މީ. އެހެންކަމުން ހުރިހާ ޒުވާނުން މިކަމުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން .'' ދުންޔާ ވިދާޅުވިއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝުކުރޫ ވިދާޅުވީ، މިކެމްޕެއިންގެ ދަށުން ސްޓެލްކޯގެ 150 އަށްވުރެ ގިނަ މުވައްޒަފުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

'' މުޅި ޕްރޮގްރާމްގ ތެރެއިން 250 މުވައްޒަފުން ޖަހާނެ. މާލެއިން 150 މުވައްޒަފަކު ވެކްސިން ޖަހާނެ. އަތޮޅުތަކުގައި ތިބި މުވައްޒަފުންނަށް ކަނޑައެޅިފައިވާ ޕޯސްޓުތަކުން ވެކްސިން ޖެހޭނެ. ސްޓެލްކޯއިން މިކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ '' ޢަބްދުއް ޝުކޫރު ވިދާޅުވިއެވެ. 

ވެކްސިން ޖެހި ބައެއް މީހުން ބުނީ، މިފަދަ ޤައުމީ ކަމެއްގައި އެމީހުންނަށް ބައިވެރިވެވުން އެއީ ލިބުނު އުފަލެއެ ކަމަށެވެ. މީސްލްސް ނައްތާލުމުގެ ޤައުމީ ކެމްޕޭން މިއަދުން ފެށިގެން އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ހިމަބިހި ނުވަތަ މީސަލްސް އަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ، އަދި ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. 2000 ވަނަ އަހަރުން ފެށިގެން 2015 އާ ދެމެދު، މިބައްޔަށް ވެކްސިން ޖަހައިގެން 20.3 މިލިއަން ކުދިންގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި މީސަލްސް ވެކްސިން ފުރަތަމަ ދޭން ފަށައިވައި ވަނީ 1981 ވަނަ އަހަރެވެ. 

އަދި 2007 ވަނަ އަހަރުން ފެށިގެން މީސްލްސް ވެކްސިން ގެ ދެވަނަ ޑޯޒެއް އެމް.އެމް.އާރް.ވެކްސިން މީސަލްސް، މަމްޕްސް އަދި ރުބެއްލާގެ ގޮތުގައި ދޭން ފެށުނެވެ. ރާއްޖޭގައި މީ ވެކްސިން ދޭން ފެށުމާއެކު ހިމަބިހި ޖެހޭ ކުދިންގެ ޢަދަދު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.