ޚަބަރު

މީރާގެ ގދ. ތިނަދޫ އޮފީސް ރަސްމީގޮތުން ހުޅުއްވައިފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ގދ. ތިނަދޫގެ އޮފީސް ރަސްމީގޮތުން ހުޅުއްވައިފިއެވެ.

މިރާގެ މި އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދުއެވެ. މާލޭގައި ހުންނަ މީރާގެ މައި އިދާރާއިން ދެއްވާ ހުރިހާ ޚިދުމަތެއް، ގދ. ތިނަދޫގައި ހުޅުއްވި މީރާގެ އޮފީހުން ލިބެން ހުންނާނެކަމަށް މީރާއިން ވިދާޅުވެއެވެ. މި އޮފީހުން ޓެކްސާބެހޭ އެންމެހާ މަޢުލޫމާތުތަކާއި އަދި ވިޔަފާރިތަކަށް ޒިޔާރަތްކުރައްވައި ވިޔަފާރިތަކަށް ބޭނުންވާ މަޢުލޫމާތު ދެއްވުމާއި ޤަވާޢިދުން ވިޔަފާރިތައް ޗެކްކުރެއްވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެކަމަށް މީރާއިން ވިދާޅުވެއެވެ. މީރާއިން ގެންދަވަނީ އައްޑޫ ސިޓީ ހިތަދުއާއި ޏ. ފުވައްމުލައް ސިޓީ އަދި ހދ. ކުޅުދުއްފުށްޓާއި ލ. ފޮނަދޫގައިވެސް މީރާގެ އޮފީސް ހުޅުއްވައި ޚިދުމަތް ދެއްވަމުންނެވެ. img:http://s1.psmnews.mv/images/660x400/14880871746973.jpg|ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އަދި ފ. ނިލަންދޫ، ލ. ފޮނަދޫ އަދި ބ. އޭދަފުށީގައި ވަނީ މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކުރައްވައިގެން ޚިދުމަތް ދެއްވައެވެ. މީރާގެ ޚިދުމަތް ފުޅާކުރައްވަމުން ގެންދަވަނީ އާބާދީ ބޮޑު އަދި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަޙައްދުތަކަށް އިސްކަން ދެއްވައިގެންނެވެ.