ޚަބަރު

ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭން ފަށްޓަވައިދެއްވައިފި


ރާއްޖެއިން މީސަލްސް ނުވަތަ ހިމަ ބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ހިނގަމުންދާ ޚާއްސަ ރަސްމިޔާތުގައި މި ކެމްޕެއިން އެމަނިކުފާނު ފަށްޓަވައިދެއްވުމާއެކު މުޅިރާއްޖޭގައި މި ކެމްޕޭނުގެ ހަރަކާތްތައް ވަނީ ފަށާފައެވެ.

މި ކެމްޕޭނުގެދަށުން މާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމް ހޮސްޕިޓަލާއި، ސެނެހިޔާ އާއި މިކަމަށް މާލޭގައި ކަނޑައަޅުއްވާފައިވާ ޚާއްޞަ ބައެއް ޞަރަހައްދުތަކުގައެވެ. މިކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކަކީ، ވެލާނާގެ ޞަރަޙައްދު، އެމްއެންޔޫ، މާލޭ ބިޒްނަސް ސްކޫލް، މާލޭ ނޯތު ހާބަރު، ރޯޝަނީ ބިލްޑިންގް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ، އޮލިމްޕަސް، ޔޫތު ސެންޓަރ، އާޓިފިޝިއަލް ބީޗް، ރަސްފަންނު، މިސަރަޙައްދުތަކެވެ. 

މީސަލްސް ނުވަތަ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވެވޭނޭ ހަމައެކަނި ގޮތަކީ ވެކްސިންޖަހައިގެންކަމަށްވާތީ، 15 އަހަރާއި 25 އަހަރާއި ދެމެދުގެ އެންމެންވެސް ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރައްވާ. ޢުމުރުން 8 އަހަރާއި 14 އަހަރާ ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ސްކޫލްތަކުން މީސަލް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޢުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ޢުމުރު ފުރާގެ ކުދިންނަށްވެސް ސްކޫލްތަކުން ވެކްސިން ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވެކްސިން ޖަހަން ދާއިރު، އައިޑީކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ފަދަ، ތިމާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ގެންދަންޖެހޭނެކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއެވެ. 

މިއަދުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން މީސަލްސް ނުވަތަ ހިމަބިހީގެ ވެކްސިން ދިނުން، މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދަވާއިރު، މީގެ ކުރިން މީސަލްސް ވެކްސިން ޖަހާފަވީނަމަވެސް، އަލުން ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ. މާބަނޑު އަންހެނުންނާއި، "ނިއޯމައިސިން" އާއި "ޖެލަޓިން"އަށް އެލާޖިކްވާ މީހުން މި ވެކްސިން ޖަހާކަށް ނުޖެހޭނެއެވެ. 

މި ކެމްޕޭނުގެދަށުން ޖަހާ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމަށާ، ވެކްސިން ދޭނީ ކަމާއި ގުޅުންހުރި ހުއްދަ ލިބިފައިވާ މީހުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. 

ރާއްޖެއިން މީސަލްސް ނުވަތަ ހިމަބިހި ޖެހިގެން އެންމެ ފަހުން ރިޕޯޓުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.