މުނިފޫހިފިލުވުން

"އަރޓިސްޓަކަށްވުމަށް ކުރާ އުއްމީދަށް އެއްވެސް ފަނޑުކަމެއް ނާދޭ"


މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޝޯވތައް މިވަނީ ވަރަށްވެސް ޝަޢުގުވެރި ހިސާބަކަށް ގޮސްފައެވެ. 

ޝޯވގެ ބައިވެރިންގެ ވާދަވެރިކަން އިންތިހާއަށް އިތުރުވެގެންދިޔައިރު، ބެލުންތެރިންގެ ފަރާތުންވެސް މި ޝޯވއަށް ލިބެމުންދާ ތަރުޙީބު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ކުރުގޮތަކަށް ބުނާނަމަ އައިޑަލްގެ އަސްލު ފޯރި ދެން އޮތީ ކުރިއަށެވެ. އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންޑުގެ ޝޯވތައް ނިމި، އޭގެ ތެރެއިން ފުރޭނިގެން އައި ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ޕިއާނޯ ރައުންޑުގެ ޝޯވތައް ނިމުނުއިރު، ބައިވެރިންގެ ޢަދަދު މިހާރު މިވަނީ 12 އަށް ތިރިވެފައެވެ. 

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފްތާގައި އިޢުލާންކޮށްފައިވާއިރު، ރޭ ބޭއްވި ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯވގައިވެސް ބައިވެރިން ވަނީ އަޑު އަހާލަން ފަސޭހަ ހިތްގައިމު ލަވަތަކެއް ޕަރފޯމްކޮށްދީފައިވެއެވެ. މިރޭ ބޭއްވި ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގެ އެލިމިނޭޝަން ނައިޓުގައި ބެލުންތެރިން އެންމެ ކެތްމަދުވެފައި ތިބޭނީ ނަތީޖާ އިޢުލާންކުރާނެ ވަގުތުކޮޅަށްކަން ޔަޤީންނެވެ. ސަބަބަކީ، މީގެ ތެރެއިން ކަޓައިގެން ދާނީ ސީދާ ކޮން ބައިވެރިންނެއްކަން ބުނެދެވޭ ވަރަށްވުރެ، ހުރިހާ ބައިވެރިންގެ ފަރާތުންވެސް ފެނިގެންދިޔަ ކުޅަދާނަ ހުށައެޅުންތަކުގެ ސަބަބުންނެއެވެ. 

img:http://s3.psmnews.mv/images/660x400/14880356509598.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: ޕީއެސްއެމް

ވާދަކުރަން ކިތަންމެ ގިނަ ބައިވެރިން ތިބިކަމުގައިވިޔަސް، މިއީ މުބާރާތެއްކަމުން، އެއް ވަނަ ލިބޭނީ މީގެ ތެރެއިން އެންމެ ބައިވެރިއަކަށެވެ. މި ހަޤީޤާތް މިރޭގެ އެލިމިނޭޝަން ނައިޓުން ކަޓައިގެންދިޔަ 2 ބައިވެރިންކަމުގައިވާ އަޙްމަދު މާއިޝް ނިޔާޒް އަދި ޙުސެއިން ސަމާޙްވެސް ޤަބޫލުކުރެއެވެ. ނަތިޖާ އިޢުލާންކުރި ވަގުތު މި ދެ ބައިވެރިންގެ މޫނުމަތިންވެސް މާޔޫސްކަމާއި، މޮޅިވެރިކަން ފެނުނެއްކަމަކު، ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަށް ދެ ބައިވެރިންނާއިވެސް ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ. މިއުޒިކް އިންޑަސްޓްރީން ކުރިއަށްދާން ބޭނުންވެފައިތިބި މި ދެ ޒުވާނުންވެސް ޤަބޫލުކުރާގޮތުގައި މިދާއިރާއިން ކުރިއަށްދާން މިވަގުތު ރާއްޖޭގައި އޮތް އެންމެ ތަނަވަސް އަދި އެންމެ ފުރިހަމަ ޕްލެޓްފޯމަކީ މޯލްޑިވިއަން އައިޑަލްއެވެ. އައިޑަލްގެ ޓީމާއެކު ކުރެވުނު ތަޖުރިބާތައް އެކަމަށް ހެކިދޭނެކަން ދެ ބައިވެރިންވެސް ފާހަގަކުރެއެވެ. ވާދަވެރި އޮޑިޝަންތަކަކަށްފަހު، މިހާ ހިސާބަށް އާދެވުންވެސް މިއީ ކުރެވުނު ތަފާތު ތަޖުރިބާއެއްކަމަށާއި، ލަވަކިޔުމުގެ ދާއިރާއިން އިތުރަށް ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި މި ދެ ބައިވެރިންވެސް ސިފަކުރެއެވެ.

img:http://s2.psmnews.mv/images/660x400/14880514335543.jpg|އައިޑަލްގެ މިރޭގެ ޝޯވއިން ވަކިވި މާއިޝް - ފޮޓޯ: ޕީއެސްއެމް

"މިއީ ލައިފްގައި ދުވަހަކުވެސް އެކްސްޕީރިއެންސް ނުކުރެވޭ ކަހަލަ ވަރަށްވެސް ތަފާތު ކަމެއް.. ވަރަށްވެސް ސަޅި އައިޑަލް.. މިއީ ކެރިއަރ ބިލްޑްކުރަން ލިބުނު ވަރަށްބޮޑު ހިތްވަރެއް.. މާއިޝް ދުވަހަކުވެސް މި ދާއިރާއަކުން ނުގެއްލޭނެ... މާއިޝް ހުންނާނީ ހަމަ މި ދާއިރާގައި.." 21 އަހަރުގެ މާއިޝް އޭނާގެ ތަޖުރިބާ ޕީ.އެސް.އެމްއާއި ހިއްސާކުރަމުން ކިޔައިދިނެވެ.

ގާލާ ރައުންޑަށް ނުދެވި ޝޯވއާއި ވަކިވާންޖެހުމުން އެކުރެވޭ އިޙްސާސް 2 ބައިވެރިންގެ މޫނުމަތިން ފެނިގެންދިޔަ ނަމަވެސް މި ދެ ބައިވެރިންވެސް ތިބީ ނުގުޑާ ފަދަ އަޒުމެއްގައެވެ. އަރޓިސްޓަކަށްވުމަށް ކުރާ އުއްމީދަށް އެއްވެސް ފަޑުކަމެއް އަޔަނުދޭނެކަމަށް މި 2 ބައިވެރިންވެސް ބުނެއެވެ. އަދި މިއުޒިކީ ދުނިޔެއަށް ވަނުމަށް އައިޑަލްގެ ތެރެއިން ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ ސަޕޯޓަރުންކަން 2 ބައިވެރިންވެސް ވަނީ ފާހަގަކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/14880514570568.jpg|އައިޑަލްގެ މިރޭގެ ޝޯވއިން ވަކިވި ސަމާޙް - ފޮޓޯ: ޕީއެސްއެމް

"މިއީ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހުނު ވަރަށްވެސް އުނދަގޫ ދަތުރެއް.. ޝޯވއިން ކެޓުމަކީ ލަވަކިޔުން ހުއްޓާލަންވީ ސަބަބެއް ކަމަކަށް ޤަބޫލެއް ނުކުރަން.. އުއްމީދަކީ މިދާއިރާއިން އަދިވެސް ކުރިއަށްދިއުން. އަޅުގަނޑުގެ ލަވަތައް އަދިވެސް ބެލުންތެރިންނަށާއި، ފޭނުންނަށް އިވޭނެ.." އުމުރުން 26 އަހަރުގެ ސަމާޙު އޭނާ މިދާއިރާއިން ކުރިއަށްދިއުމަށް ކުރާ އުއްމީދު ޕީ.އެސް.އެމްއާއި ހިއްސާކުރަމުން ބުންޏެވެ.

ޕިއާނޯ ރައުންޑުގެ ފަހު ޝޯވއާއެކު އައިޑަލްގެ ދަތުރު ނިންމާލިއެއްކަމަކު، ޖަޖުންގެ ފަރާތުން ލިބުނު ކޮމެންޓުތަކާއި، ފޭނުންގެ ސަޕޯޓާއެކު ސަމާޙް އަދި މާއިޝްވެސް ހުރީ މިއުޒިކީ ދާއިރާއިން ކުރިއަށްދިއުމުގެ ފޮނި އުއްމީދުގައެވެ. ގަދަ 12 އަށް ދަތުރުކުރި ހުރިހާ ބައިވެރިންނަށްވެސް، މާއިޝް އަދި ސަމާޙް ދޭން ބޭނުންވީ ހަމަ އެއް މެސެޖެކެވެ. އެއީ ހިތްވަރު އެލުވާ ނުލުމަށެވެ. މިއީ ރިއަލިޓީ ޝޯވއެއްކަމުން ތަފާތު ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ ކަމަށާއި، އަބަދުވެސް އަމިއްލަ ނަފްސު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

ކޮންމެއަކަސް ގަދަ 12 ގެ ކުރިމަތިލުންތައް ކުރިއަށް ދެން އޮތީއެވެ. އައިޑަލްގެ ހަޤީޤީ ފެށުމަކީ ގާލާ ރައުންޑޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ބައިވެރިންގެ ފަރާތުން ހަޤީޤީ ވާދަވެރިކަމާއި، ހުނަރުވެރިކަން ފެނިގެންދާ ހިސާބަކީ މިއީ ކަމަށްވާތީއެވެ.