ކުޅިވަރު

ގްރީން ސްޓްރީޓް, ވިކްޓްރީގެ މައްޗަށް ކުރިހޯދައިފި


ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ގްރީން ސްޓްރީޓް ވިކްޓްރީގެ މައްޗަށް ކުރިހޯދައިފިއެވެ. ރަނގަޅު ސްކޮޑަކާއެކު މާލޭ ލީގާ ކުރިމަތިލި ވިކްޓްރީގެ މައްޗަށް ގްރީން ސްޓްރީޓް ކުރިހޯދީ އެއްލަނޑު ސުންލަނޑުންނެވެ. 

މެޗްގެ ކުރީކޮޅު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގްރީން ސްޓްރީޓުން ތަނަވަސްކުރިއެވެ. ފުރަތަމަ ހާފްގެ 22 ވަނަ މިނެޓްގައި މެޗްގެ ހަމައެކަނި ލަނޑު ގްރީން ސްޓްރީޓަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދުއެވެ. ދެވަނަ ހާފްގައި ވިކްޓްރީއިން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ފުރުސަތުތަށް ތަވަނަސްކުރިކަން ފާހަގަކޮށްލެވެއެވެ.

 މެޗަށްފަހު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗް އަލީ ސުޒޭން ބުނީ ފުރަތަމަ މެޗުން ބަލިވުމާއެކު މިދިޔައީ ގޯސް ހިސާބަކަށް ކަމަށާއި ގަދަ ހަތަރެއްގައި ހިމެނުމަށް ވިކްޓްރީއިން ކުރަން ޖެހޭ މަސައްކަތް ބޮޑުކުރަން ޖެހޭކަމަށެވެ. އަދި މެޗްގައި ދިޔައީ ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ނުފެނިކަމަށްވެސް ސުޒޭން ބުންޏެވެ.

" ބައްޔާއެކު ގޯސް ހިސާބަކަށް މިދިޔައީ. އެހެންނަމަވެސް ބާކީ 13 މެޗް އޮތުމުން ފުރުސަތު އެބައޮތް ވިްކޓްރީއަށްވެސް. އިތުރު މަސައްކަތްތަކެއްކޮށްފިނަމަ ރަނގަޅުވާނެ" ސުޒޭން ބުންޏެވެ.



ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހު މުހައްމަދު ބުނީ ގްރީން ސްޓްރީޓް މެޗަށް ނިކުތީވެސް މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށާއި މިއީ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ފެށުމަށް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓް އަބަދުވެސް މަސައްކަތް ކުރާނީ މެޗަކަށްފަހު މެޗެއް ކާމިޔާބުކުރަން ކަމަށް ސޮބާހު ބުންޏެވެ.

" ގްރީން ސްޓްރީޓް ލީގާ ކުރިމަތިލީ ލީގު ކާމިޔާބުކުރަން ނުވަތަ ތަށި ތަކެއް ހޯދާކަށް ނޫން. އަހަރެމެން ދާނީ މެޗަކަށްފަހު މެޗެއް ކާމިޔާބުކުރަމުން. ގްރީން ސްޓްރީޓްގެ ސައިޒުގަ އެހެން ޓީމްތަކަށް އިހުތިރާމް ކުރަމުން" ސޮބާހު ބުންޏެވެ.

 ވިކްޓްރީ މިދިޔަ ސީޒަންގެ ފުރަތަމަ މެޗްވެސް ފެށީ ބައްޔަކުންކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ސީޒަންގެ ފުރަތަމަ މެޗުންވެސް ވިކްޓްރީ ބަލިވެފައިވަނީ މިދިޔަ ސީޒަނަށް އަލަށް ޕްރޮމޯޓްވި ޔުނައިޓެޑް ވިކްޓްރީއަތުންނެވެ. މިއަދުގެ މެޗުން މޮޅުވި ގްރީން ސްޓްރީޓަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ.