ސަރުކާރުގެ އެކި އިދާރާތަކަށް ދެއްވާފައިވާ ބަޖެޓް ޚަރަދު ކުރައްވަނީ ރަނގަޅަށްތޯ ބެއްލެވުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުން ކުރައްވަން ފަށްޓަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި ބަޖެޓު ދިރާސާ ކުރެއްވުމަށް އެކުލަވާލެއްވި ބަޖެޓް ކޮމެޓީގައި ތިއްބެވި މެމްބަރުން ވަނީ ސަރުކާރުގެ އެކި އިދާރާތަކަށް ދެއްވާފައިވާ ބަޖެޓުން ޚަރަދު ކުރައްވަނީ އެންމެ އެކަށީގެންވާ ވަރަށްތޯ ބެލުމަކީ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ދަޢުލަތުގެ ބަޖެޓުން ސަރުކާރުގެ އެކި އިދާރާތަކުން ޙާޞިލް ކުރައްވާފައިވާ މިންވަރު ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ޙިއްޞާ ކުރައްވާނެ ކަމަށެވެ. އަދި ބަޖެޓުން ޙާޞިލް ކުރައްވާފައިވާ މިންވަރު ބައްލަވަން ފެއްޓެވޭނީ ފުރަތަމަ ކުއާޓާރގެ ތެރޭގައި ކަމަށް ނިހާން ވިދާޅުވިއެވެ.
"އަންނަ އޭޕްރީލް މަހުން ފެށިގެން ބަޖެޓުން ޙާސިލް ކުރެވިފައިވާ މިންވަރު ބެލުމުގެ މަސައްކަތް މަޖިލީހުން ބަލާނެ، އެ މަސައްކަތް ކުރެވިގެންދާނެ،" ނިހާން ވިދާޅުވިއެވެ.
ދަޢުލަތުން މިއަހަރަށް ކަނޑައަޅުއްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޢަދަދަށް އެއްވެސް އުނިއިތުރެއް ނުގެންނަވާ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. ބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދޭ، ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ބާރު އަޅާ ބަޖެޓެއް ކަމަށް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓްގެ 51 އިންސައްތަ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށާއި 49 އިންސައްތަ ހިއްޞާކުރަނީ ކެޕިޓަލް ޚަރަދުތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.