ކުޅިވަރު

ސެމީ ފައިނަލްގައި ޓީސީ ނޭޕާލްގެ މަނަންގއާއި ދެކޮޅަށް


ޝޭޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ސެމީފައިނަލްގައި ޓީސީ ނޭޕާލްގެ މަނަންގއާއި ވާދަކުރަން ޖެހިއްޖެއެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީސީ ސެމީފައިނަލުން ޖާގަ ހޯދާފާއިރު މަނަންގ ސެމީފައިނަލުން ޖާގަ ހޯދީ މިއަދު ގްރޫޕްގެ ފަހު މެޗްގައި ޗިޓަގޮންގ އަބަހާނީއާ އެއްވަރުކޮށްގެންނެވެ. ގްރޫޕްގެ ދެވަނަ މަނަންގއަށް ލިބުނުއިރު އެޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

ޓީސީ ގްރޫޕް އެއްވަނައިގައި ސެމީއިން ޖާގަ ހޯދީ ދެމެޗް ކާމިޔާބުކޮށް އެއްމެޗް އެއްވަރުކޮށް 7 ޕޮއިންޓާއެކުއެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ނޭޕާލް ޓީމަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް ޓީސީ ނިކުންނާނީ ފައިނަލްގެ ޖާގަ ހޯދާ ދިވެހިން އުފާކޮށްދިނުމަށް ކަމަށެވެ. ޓީމު ސެމީ ފައިނަލަށް ތައްޔާރުވަމުން އަންނައިރު ހުރިހާ ކުޅުންތެރިންވެސް ތިބީ ފައިނަލަށް ދިއުމުގެ އުއްމީދުގައި ކަމަށްވެސް ނިޒާމް ބުންޏެވެ.

"ޓަފް ޓީމެއް ނޭޕާލް ޓީމަކީ. އޮގަނައިޒް ފުޓްބޯޅައެއް ކުޅޭ ރަނގަޅު ޓީމެއް. ޓީސީއަށް އިތުބާރު އެބައޮތް އެޓީމް ބަލިކޮށް ފައިނަލުން ޖާގަ ހޯދޭނެ ކަމުގެ" ނިޒާމް ބުންޏެވެ.

ސެމީފައިނަލް ފުރަތަމަ ޓީސީއާ ނޭޕާލްގެ މަނަންގ ވާދަކުރާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ހަވީރު ފަސްގަޑި ބައިގައެވެ. ސެމީފައިނަލް ދެވަނަ މެޗްގައި ވާދަކުރާނީ ޗިޓަގޮން އަބާހާނީއާ ކޮރެއާގެ ޕޮޗެއޯން އެފްސީއެވެ.