ޚަބަރު

އައިޑަލްގެ ބައިވެރިންނާއެކު ކުޑަކުދިންގެ ހަވީރެއް


މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނަށްވުރެ ދެވަނަ ސީޒަންގެ ޝޯވތަކަކީ ހުރިހާ ގޮތަކުންވެސް ތަފާތު އަދި ފުރިހަމަ ޝޯވތަކަކަށް ހެދުމަށްޓަކައި އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޮޑިޝަންތައް ނިމި، އައިޑަލްގެ ތިއޭޓަރ ރައުންޑުގެ ޝޯވތައް ދައްކަންފެށި ހިސާބުން، މިފަހަރުގެ ސީޒަންގެ ތަފާތުކަން ޢާންމުންނާ ހަމައަށް ވަނީ ފެންނަށް ފަށާފައެވެ. މިއީ އިންޓަރނޭޝަނަލް ފްރެންޗައިޒްއަކަށްވެފައި، ޝޯވގެ ކޮލެޓީއާއި ސްޑޭންޑަޑް ހިފެހެއްޓުމަށްޓަކައި އައިޑަލްގެ މުޅި ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިޝޯވ އިތުރަށް ޕްރޮމޯޓްކުރުމަށްޓަކައިވެސް މިޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ގަދަ 16 ބައިވެރިންނާއެކު ޓީ.ވީ. ބިލްޑިންގ ގޯތިތެރޭގައި ފާހަގަކުރި ކުޑަކުދިންގެ ހަވީރަކީ، ސީޒަން އެކަކާ ޚިލާފަށް މިފަހަރުގެ ސީޒަނުން ފެނިގެންދިޔަ ތަފާތު އަދި ބޮޑު ތަރުޙީބެއް ލިބުނު ޙަރަކާތެކެވެ.

img:http://s4.psmnews.mv/images/660x400/14879512689675.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގަދަ 16 ބައިވެރިންނާއެކު ބޭއްވި ކުޑަކުދިންގެ ހަވިރުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ސަޕޯޓަރުންގެ މެދުގައި މޯލްޑިވިއަން އައިޑަލާމެދު އޮންނަ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުން ހިންގި މި ޙަރަކާތުގައި، ކުޑަކުދިން ގަޔާވާކަހަލަ ތަފާތު ގިނަ ކަންތައްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަހަރުގެ ސީޒަންގެ ގަދަ 16 ބައިވެރިންނާ ބައްދަލުކޮށް، އެ ފަންނާނުންނާއެކު ފޮޓޯނެގުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14879515176512.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގަދަ 16 ބައިވެރިންނާއެކު ބޭއްވި ކުޑަކުދިންގެ ހަވިރުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ހަވީރާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މިހަރަކާތުގެ އިވެންޓް މެނޭޖަރ މަރިޔަމް ޝިއުނާ ހަމީދު ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ގަދަ 16 ބައިވެރިންނާއި އާއްމުންނާއި ދެމެދު ގާތްގުޅުމެއް އުފައްދައިދީ، ޝޯވއިން ބޭރުން، އެ ބައިވެރިންނާއި ބައްދަލުކޮށްލުމަށް ބޭނުންވެފައިތިބި އާއްމުންނަށް އެ ފުރުޞަތު ހޯދައިދިނުންކަމަށެވެ. އަދި މިފަދަ އިތުރު ހަރަކާތްތައް ކުރިއަށްވެސް ރޭވިފައިހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14879513477938.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގަދަ 16 ބައިވެރިންނާއެކު ބޭއްވި ކުޑަކުދިންގެ ހަވިރުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ހަރަކާތްކުރިއަށްދިޔަ ވަގުތު ގަދަ 16 ބައިވެރިންގެ އާއިލާތަކަށް ނިސްބަތްވާ އެކި ފަރާތްތަކާއި، އެމީހުންގެ އެކުވެރިން، އަދި ގިނަ އަދަދެއްގެ ޒުވާނުންނާއި، ތުއްތުކުދިން ޓީ.ވީ.އެމްގެ ގޯތިތެރޭގައި އުފާވެރިވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. ހަވީރަށް ޒިޔާރާތްކުރި ގިނަ އާއްމުންގެ ފަރާތުން ފެނިގެންދިޔައީ، އައިޑަލްގެ ސީޒަން ދޭއްގެ ގަދަ 16 ބައިވެރިންނާއެކު ސެލްފީއާއި ފޮޓޯނެގުމުގައި އަވަދިނެތި އުޅުނު މަންޒަރެވެ.

img:http://s3.psmnews.mv/images/660x400/14879513694938.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގަދަ 16 ބައިވެރިންނާއެކު ބޭއްވި ކުޑަކުދިންގެ ހަވިރުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ހަފްތާ ބަންދާ ދިމާކޮށް، ޝަޢުގުވެރިކަމާއެކު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޝޯވކަމުގައިވާ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޕިއާނޯ ރައުންޑުގައި ވާދަކުރާ 16 ބައިވެރިންގެ ތެރެއިން ބާކީ ތިބި 8 ބައިވެރިންގެ ޕަރފޯމެންސްތައް މިރޭގެ ޝޯވގައި ފެނިގެންދާއިރު، މި ބައިވެރިންގެ ފަރާތުން ފޯރިގަދަ ތަފާތު ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. އަދި މިދިޔަ ހަފްތާގެ ޝޯވއެކޭ އެއްފަދައިން މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ހުށަހެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.