ޚަބަރު

ދޯންޏެއް ގެއްލިގެން ލަންކާއާއި އިންޑިއާގެ އެހީއަށް އެދިއްޖެ


ޙަބަރެއް ނުވެގެން ހޯދަމުންދާ ކަންނެލި ދޯނީގެ މަޢުލޫމާތު އިންޑީއާ އާއި ލަންކާގެ ކޯސްޓްގާޑާއި ހިއްސާކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ބުލޫ ފިޝް 1" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދާކަމުގެ މަޢުލޫމާތު އިންޑިއާ އާއި ލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރާ ހިއްސާކުރައްވާފައިވާކަމަށެވެ. 

ގެއްލިގެން ހޯދަމުންދަ " ބުލޫ ފިޝް 1 " ނަމަކަށް ކިޔާ ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ 20 ވީ ހޯމަ ދުވަހު ކ.އަތޮޅު ދިއްފުށި ބޭރުގައި އޮއްވާ ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދެއްވާ އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިދޯނިން ދަތުރުކުރީ 12 މީހުންކަމަށާއި މިދޯންޏަކީ ދިގުމުގައި 87 ފޫޓް ހުރި ދޯންޏެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިދޯނީގެ ބޭރުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައިވާއިރު ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވެއެވެ.