ތަރައްްޤީ

"ފެންފުށީ ބޭރުތޮށިލުމުގެ މަސައްކަތް 3 މަސް ދުވަސްތެރޭގައި ނިމޭނެ"


އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ކުރިއަށް އޮތް ތިންމަހެއްހާ ދުވަހުގެތެރޭގައި ނިންމަވާލެއްވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީގެ އަށާވަރަކަށް އަހަރުކުރިން އަމިއްލަ ފަރާތެއްގެ އެހީއާއެކު، ފެންފުށީ ބަނދަރު ހަދާފައިވަނީ ރަށުގެ ރައްޔިތުންގެ މަސައްކަތުންނެވެ. އެ ބަނދަރު ބޭނުންކުރާތާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް ބޭރު ތޮށްޓެއް ނެތުމުން ރަށަށް ލަފާފުރުމުގައި ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. މިމައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން މިވަނީ ފެންފުށީގެ ބަނދަރު މަރާމާތުކުރައްވައި ބޮޑުހިލަ ޖަހައިގެން ރަނގަޅުފެންވަރުގެ ބޭރު ތޮއްޓެއްލުމުގެ މަސައްކަތް ފަށްޓަވާފައެވެ. 

އަށްސަތޭކަ ފޫޓު ދިގު ތިން ސަތޭކަ ފޫޓު ފުޅާ ފެންފުށީގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ބޮޑު ބައި މިހާރު ވަނީ ފެންފުށްޓަށް ގެންދަވާފައެވެ. ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ފެންފުށީގެ ބަނދަރު ބޭރުތޮށީގެ މަސައްކަތް ލަސްވީ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ލިބުން ލަސްވެގެންކަމަށެވެ.

"ބޮޑު ހިލައިގެ ފަހު ބާޖު އައިމަ ހުރިހާ ރޮކްބޯލްޑާސް ބޭނުންކޮށްގެން ބޭރު ތޮށީގެ މަސައްކަތް ނިންމާލެވޭނީ، ވަގުތުތަކެއް ނެގީ ވަރަށްގިނަ ރޮކްބޯލްޑާސްތަކެއް ރާއްޖޭގެ އެތައް ބަނދަރަކަށް ގެންނަން ޖެހުނީމަ. އިރާދަކުރެއްވިއްޔާ މި ބަނދަރު ވަރަށް ފުރިހަމަ ބަނދަރެއްގެ ގޮތުގައި ނިމިގެންދާނެ." ޒިޔާދު ވިދާޅުވިއެވެ.

ފެންފުށީ ކައުސިލްގެ ރައީސް ޝާހިދު ޢަބްދުއްރަޙީމް ވިދާޅުވީ، ސިމެންތިން ހަދާފައިވާ އެއްގަމު ތޮއްޓެއް އޮތް ނަމަވެސް މިވީ ދިގު މުއްދަތުގެ ތެރޭގައި ރަށުގެ ރައްޔިތުންނަށް ބަނދަރެއް ފުރިހަމަވެފައި ނެތުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވިކަމަށެވެ. އެގޮތުން، ކޮންމެ އަހަރަކު ޖެޓީ ކައިރިން ދެ ފޫޓު ނުވަތަ 3 ފޫޓަށް ވެލިގަނޑު ފައިބާކަމަށާއި، ބޭރު ތޮއްޓެއް ނެތުމުން ރަށަށް ވަދެ ނުކުންނަ އުޅަނދުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، އެތައް ފަހަރަކު ރަށަށް ނުވަދެވިފައިވެސް ތިބެން ޖެހޭކަމަށެވެ. ޝާހިދު ވިދާޅުވީ، ބަނަދަރުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވަން ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ބަނދަރުގައި ހުރި އެހެނިހެން ދަތިތައްވެސް ހައްލުކޮށްދެއްވާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވާކަމަށާއި މިކަމަކީ، ބަނދަރު ބޭނުންކުރާ ފަރާތްތަކާއި، ރަށުގެ ތަރައްޤީއަށްވެސް ލިބުނު ކުރިއެރުމެއްކަމަށެވެ.

"މިރަށް ނުވަދެވި ނުފުރި، އެފަދަ ހާލެއްގައި އުޅޭތާ ވަރަށް ޒަމާން ތަކަކަށްފަހު ފެންފުށީ ރައްޔިތުންގެ އުންމީދުގައި ކުލަޖެހިގެން މިދިޔައީ، ޙަގީގަތުގައި ބަނދަރަށް ވަދެވޭވަރު މިވީ އަދިކިރިޔާ. ބަނދަރު ބޭނުން ކުރެވޭ ގޮތަށް ބަދަރެއްގެ ގޮތުގައި ބޭނުންކުރެވެން ފެށީ އަދިކިރިޔާހަމަ. މިނިސްޓަރ އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވާފައިވަނީ، ، އެއްގަމު ވާޓަރާއިއެއްކޮށޭ މިކަންކަން ހަމަޖެހިގެންދާނީ.  އެހެންވީމަ މިކުރެވޭ މަސައްކަތަށް ވަރަށް ބޮޑަށް ހިންހަމަޖެހިފައި މިތިބެނީ." ޝާހިދު ވިދާޅުވިއެވެ.

ކޮންޓްރެކްޓް އުޞޫލުން އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވާފައިވާ މި މަޝްރޫޢުގައި ބޭރުތޮށީގައި ބޮޑުހިލަ ޖެހުމާއި ޖެޓީ ކައިރީގައި ގާއެތުރުމާއި، ބަނދަރު ބައްތިތައް ހަރުކުރުން ހިމެނެއެވެ.