ވިޔަފާރި

އިހަވަންދޫއާއި ހޯރަފުށީގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ ގޮތުން ހއ.ހޯރަފުށްޓާއި އިހަވަންދޫގައި އެ ބޭންކުގެ ދެ ބްރާންޗް ހުޅުވައިފިއެވެ.  

މި ދެ ބްރާންޗުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށާ، ރަސްމީ ގަޑީގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތަކާއި ކާޑުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި އައު ބްރާންޗްތައް މެދުވެރިކޮށް ހޯރަފުށްޓާއި އިހަވަންދޫގެ ރައްޔިތުންނަށާއި އެ ދެރަށުގެ އިޤްތިޞާދަށް ރަނގަޅު ފައިދާއެއް ކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެއީ އެނާއަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު އުފަލެއްކަމަށްވެސް އެންޑްރޫ ވިދާޅުވިއެވެ. މި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި ބީއެމްއެލް އިން އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކޮށް 150 އަށްވުރެ ގިނަ ވަޒީފާ އުފެއްދުމަށް އެބޭންކުން ފަށާފައިވާ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް އެންޑްރޫ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ވިހި އަތޮޅުގައި ތެއްތިރީސް ބްރާންޗް، އަށްޑިހަ އޭޓީއެމް، ހަތަރުހާސް ޕީއޯއެސް މަރޗަންޓުން، ދުއިސައްތަ ކޭޝް އޭޖެންޓުން، ބާވީސް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އަދި ފަސް  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ދެއެވެ. އެބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.