ޚަބަރު

ޤައުމުގެ އިޤްތިޞާދުގައި "ކަނބަލުން"ގެ ދައުރު ބޮޑު - ސަޢީދު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި އަންހެނުން، ދިވެހި އިޤްތިޞާދުގައި ބާރުވެރިކުރެއްވުމަށް، ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ހީވާގި ކަނބަލުންގެ އެކްސްޕޯ 2107 ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން ބާއްވަވާ ހީވާގި ކަނބަލުންގެ އެކްސްޕޯ 2017 ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މަސްވެރިކަމާއި ފަތުވެރިކަން ކުރިއެރުމުގައި ދިވެހި ކަނބަލުންގެ ހިތްވަރާއި އެކަނބަލުންގެ ދައުރު ބޮޑުކަމުގައިއެވެ. ސަރުކާރުން މަސައްކަތްކުރައްވަނީ ދިވެހި ކަނބަލުން، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި އަދާކުރާ ރޯލު އިތުރުކުރައްވައި އަންހެންކަނބަލުންގެ ބައިވެރިވުން ކުރިއަށް އޮތް ތާގައިވެސް އިތުރުކުރެއްވުމަށް ކަމުގައިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ކަނބަލުން ބައިވެރިވަމުން އަންނަ ނިސްބަތް މިދިޔަ ތިން އަހަރު އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14878688263212.jpg|ރައީސުލްޖުމްޖޫރިއްޔާގެ ދެކަނބަލުން މިރޭގެ ރަސްމިޔާތުގައި - ފޮޓޯ: ޕީއެސްއެމް ޤައުމު ބިނާކުރުމުގެ ތިންއަހަރު ފާއިތުވިއިރު ރާއްޖޭގެ ކަނބަލުން ކުރިއެރުވުމަށް ސަރުކާރާ ގުޅިވަޑައިގެން އެންމެ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މިއަދު މުޅި ޤައުމު ފަޚުރުވެރިކޮށްދެއްވައިފިކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޙައިސިއްޔަތުން ފާޠިމަތު އިބްރާހީމް ޤައުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން އެކަމަނާ ތާރީޚްގެތެރެއިން ޖާގަހޯއްދަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. ހަތްހާހާ ގާތްކުރާ ޢަދަދެއްގެ ދިވެހި ކަނބަލުން "ހީވާގި ކަނބަލުންގެ އެކްސްޕޯ 2107" ފެށްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.