ތަރައްްޤީ

އައިޔޫއެމްގައި އޮންލައިން ލައިބްރަރީއެއްގެ ޚިދުމަތް ފަށްޓަވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އޮންލައިން ލައިބްރަރީއެއްގެ ޚިދުމަތް މިއަދު ފަށްޓަވައިފިއެވެ.

މި ލައިބްރަރީގެ ޚިދުމަތް ފަށްޓަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިއަދު އިސްލާމީ ޔުނިވަރސިޓީގައި ލޯންޗްކުރެއްވި މި އޮންލައިން ލައިބްރަރީގެ ޚިދުމަތަކީ އެ ޔުނިވާރސިޓީން މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަނުން އިސްލާމިކް ފައިނޭންސް (އިންސެފް) އިން ގަނެފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް އެއްފަހަރާ 20 ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމަށް އިސްލާމީ ޔުނިވާރސިޓީން މަޢްލޫމާތުދެއްވައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިއަހަރު އެޔުނިވަރސިޓީގައި އަލަށް ފަށްޓަވާފައިވާ އިސްލާމިކް ފައިނޭންސްގެ ކޯސްތަކަށް ބޭނުންވާ ފަސްސަތޭކަ އަށްވުރެ ގިނަ ފޮތާއި ޕަބްލިކޭޝަންސް، ބޭރުގެ އެކި އެކި މުއައްސަސާތަކުން ވަނީ އިސްލާމީ ޔުނިވާރސިޓީއަށް ހަދިޔާކޮށްފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މިފޮތްތަކާ ޙަވާލު ވެވަޑައިގަތީ، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފޮތް ހަދިޔާކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ޝަރީޢާ ރިސާރޗް އެކަޑަމީ ފޯ އިސްލާމިކް ފައިނޭންސް (އިސްރާ) އާއި އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) ގެ އިތުރުން އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ހިމެނެއެވެ.

"އިރާދަކުރެއްވިއްޔާ މިމަސްނިމޭއިރު ހުރިހާ ފޮތެއް ބޭނުންހިފޭގޮތައް ކަންކަން ތަރުތީބުކުރެވޭނެ. އިންޝާﷲ ،500 އަށްވުރެ ގިނަފޮތް، އެއީ މި ލްއިބްރަރީގެ އިތުރުން ޓެކްސްޓް ފޮތްތައް ބެހެއްޓޭނެ ޚާއްސަ ކަލެކްޝަންއެއް އިސްލާމީ އިޤްތިޞާދާ، އިސްލާމިކް ބޭންކިން ފައިނޭންސްއާއި ބެހޭ. މިހެންކަމުން އިސްލާމީ ޔުނިވާރސިޓީ ވެގެން މިދިޔައީ އިސްލާމީ އިގްތިޞާދުގެ އެންމެ ބޮޑު ލައިބްރަރީއަށް. އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް މީ." އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ، މިމަހުގެތެރޭގައި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކިންގެ ޚާއްސަ އިންސްޓިޓިއުޓަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އެ އިންސްޓިޓިއުޝަންގެ ހުރިހާ ޕަބްލިކޭޝަންތައް ހިލޭ ރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއަށް ލިބޭނެ ކަމަށެވެ.