ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް، ޕީޖީއަކީ އަބަދުވެސް ބަދަހި ގްރޫޕެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޕީޕީއެމް ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ މަޢުލޫމާތު ޕީއެސްއެމްއަށް ދެއްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވުމަށްފަހު ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ކަންތައްތަކެއް ނިންމާފައި ނުވި ނަމަވެސް ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން، މެމްބަރުންނަށް ގިނަ ކަންތައްތަކަކަށް އިލްތިމާސްކުރެއްވި ކަމަށެވެ.
ނިހާން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވުމަކީ އިދިކޮޅު ފަރާތްތަކުގެ ނަފްރަތު ޕާޓީއަށާއި ޕާޓީގެ ޕީޖީ ގްރޫޕަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ޕީޖީ ގްރޫޕް ބައިބައިކޮށްލުމަށް ގިނަ ފަރާތްތަކުން ވަރަށް މަސައްކަތް ކުރަމުން ގެންދާކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ.
ނިހާން ވިދާޅުވީ ޤައުމުގެ ކުރިއެރުމާއި ޞުލްޙަ މަސަލަސްކަމަށް ޕީޖީ ގްރޫޕްގެ މެމްބަރުން އެކަތިގަނޑަކަށް ވެވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ރައީސް ޔާމީން މި ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުން ޕީޖީ ގްރޫޕް ބައިބައިކޮށްލުމަށް ކުރާ މަސައްކަތްތައް ކާމިޔާބުނުވާނެ ގޮތަކަށް މެމްބަރުންގެ މަސައްކަތްތައް ބައްޓަން ކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ނިހާން ވިދާޅުވިއެވެ.
މީގެކުރިން ބާއްވާފައިވާ ޕީޕީއެމް ޕީޖީގެ ބައްދަލުވުންތަކުގައިވެސް ރައީސް ޔާމީން ވަނީ މެމްބަރުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. ރޭ ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ 41 މެމްބަރަކު ޙާޟިރުވެވަޑައިގެންފައިވެއެވެ.