ތަރައްްޤީ

އޮފިޑުގެ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރ


އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުގެ ލޯން އެހީގެ ދަށުން ޤާއިމްކުރައްވާ ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ 312 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ. އޮފިޑްގެ ލޯންގެ އިތުރުން މިމަޝްރޫޢުގެ ޖުމްލަ ބަޖެޓްގެ 20 އިންސައްތަ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

އޮފިޑުގެ ލޯން އެހީގެ ދަށުން ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ފަސް ރަށަކީ ނ.ވެލިދޫ، ރ.ހުޅުދުއްފާރު، ބ.ތުޅާދޫ، ގއ.ކޮލަމާފުށި، އަދި ގދ.ގައްދޫއެވެ. މިފަސް ރަށުގައި 10 ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. މިފަސް ރަށުގެ ތެރެއިން، ގައްދޫ ފިޔަވާ ދެން ހުރި ރަށްރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ ޤާއިމްކުރައްވަނީ އެއްފަހަރާއެވެ. ގައްދޫގައި ޤާއިމްކުރައްވަނީ ނަރުދަމާ ނިޒާމްއެވެ. ގައްދޫގައި ސަރުކާރުން ވަނީ ޔުނޮޕްސްގެ އެހީގައި ފެނުގެ ވިއުގަ ޤާއިމްކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14877437108102.jpg|ގައްދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރްމަންޓް މިނިސްޓްރީން މިމަޝްރޫޢު ކުރިއަށްގެންދަވަނީ އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލުކުރައްވައިގެނެވެ. އެކުންފުނިން ގެންދަވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިމަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، މިފަސް ރަށުގެ ޢަމަލީ މަސައްކަތް ނިންމަވާ، ރައްޔިތުންނަށް ޚިދުމަތްދެއްވުން ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ޤާއިމްކުރައްވާ ގއ.ކޮލަމާފުށްޓަށާއި، ގދ.ގައްދޫއަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ މިހަފްތާގައި ވަޑައިގެން، އެރަށްރަށުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ފެނާއި ނަރުދަމާއިން އުންމީދީ ދިރިއުޅުން ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14722856618894.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފައިލް ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ގދ.ގައްދޫގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސިފަކުރެއްވި ގޮތުގައި "ފެނާއި ނަރުދަމާ" މިލަފްޒް ވުޖޫދަށް އައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

" އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެހެން އެއްވެސް ސަރުކާރަކަށް ނުކުރެވޭ ވަރަށް މި ސަރުކާރުގެ ތިން އަހަރު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. ފެނާއި ނަރުދަމާގެ އަޑު ރައްޔިތުންގެ މެދުގައި ގަދަވީ މި ސަރުކާރު ފެށުނު ފަހުންނޭ. އެބަހަކީ ކުރިން ދިވެހިން ދަންނަ ބަހެއް ނޫން. އެ ލަފްޒް ދިވެހި ރަދީފްގައި ހިމަނުއްވާ، އާންމުންގެ ދުލުކުރިއަށް އެ ލަފްޒް ގެންނެވީ ރައީސް ޔާމީން" މިނިސްޓަރ ވިދާޅުވިއެވެ.

އޮފިޑްގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭއިރު، އޮފިޑުން މިހާރުވެސް ވަނީ ފެނާއި، ނަރުދަމާއާއި، ކުނި ނައްތާލާމުގެ މަޝްރޫޢުތައް ހިންގުމަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފައެވެ. އަލަށް ފެށްޓެވުމަށް ތައްޔާރުވެވަޑައިގަންނަވާ މިމަޝްރޫޢުގެ ދަށުން ނުވަ ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރެއްވުމާއި، ހަތަރު ރަށެއްގެ ނަރުދަމާ ޤާއިމްކުރެވުމާއި، 12 ރަށެއްގައި ފެން ޕްލާންޓް ބެހެއްޓެވުމާއި، އަދި ހއ، ހދ، ށ ހިމެނޭ ސަރަޙައްދުގެ ކުނި ނައްތާލާ ނިޒާމް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.