ޚަބަރު

ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ


ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެއެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ދެންމެ ވިދާޅުވީ އެމީހާ ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއަށް ފެނުނުއިރު އޭނާ ހުރީ ހެޔޮ ޙާލުގައި ކަމަށެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އޭނާ މިހާރު އާއިލާއާ ޙަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ ލަންކާގެ ޑްރައިވަރަކަށް ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އެމީހާ ގެއްލިގެން ހޯދަންފަށާފައިވަނީ ހެނދުނު ގެއިން ބޭރަށް ނިކުތުމަށްފަހު އެނބުރި ނައިސްގެންނެވެ. ގެއްލިގެން ހޯދަމުންދިޔަ މި ފިރިހެން މީހާއަކީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ސްރީލަންކާއަށް ދިޔަ މީހެއް ކަމަށާއި އެހެންނަމަވެސް އެ ޤައުމަށް ފަރިތަ މީހެއް ނޫންކަމަށް އޭނާގެ ޢާއިލާއާ ޙަވާލާދީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީނާ ސްރީލަންކާއަށް ގޮސް ހުރީ އެ ޤައުމުގައި ކުދިންނަށް ކިޔަވައިދޭން ތިބޭ އޭނާގެ ޢާއިލާގެ ގާތަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ހާމަކުރައްވާ ގޮތުގައި މި މީހާ ނުފެނިގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އެކަން ވަނީ ދެހިވަލަ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ދެހިވަލަ ޕޮލިސް ސްޓޭޝަން ފުލުހުން ޙަރަކާތްތެރިވެފައިވެއެވެ.