ޚަބަރު

ސިނގިރެޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި


ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާހް ދިރާސާ ކުރެއްވުމަށްފަހު ކޮމެޓީން އެ އިޞްލާހް މިއަދު ފާސްކުރައްވައިފިއެވެ. 

ކޮމެޓީން ގެނެސްފައިމިވާ އިޞްލާހް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ މިހާރު 50 ރުފިޔާއަށް ލިބޭ ސިނގިރޭޓް ފޮށްޓެއް ދެން ލިބޭނީ 80 ރުފިޔާއަށެވެ.

ކޮމެޓީން މި އިޞްލާހް ފާސްކުރެއްވުމުގެ ކުރިން ވަނީ ކަމާގުޅޭ ތިން އިދާރާއެއްގެ އިސްބޭފުޅުން ކޮމެޓީއަށް ގެންނަވާ އިޞްލާހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކޮމެޓީއަށް ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސާއި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑް ގެންނަވާފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިޞްލާހް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރުއެވެ.

އާމިރު ހުށަހެޅުއްވި މި އިޞްލާހް ކޮމެޓީން ފާސްކުރެއްވިއިރު ވަނީ ކޮންމެ ސިނގިރެޓަކުން ނަގާ ޑިއުޓީ ދެ ރުފިޔާއަށް ބޮޑު ކުރުމަށް ނިންމަވާފައެވެ. އަދި ސިނގިރެޓަށް ގަނޑުކޮށް ނަގާ ޑިއުޓީއަށް އިތުރު 20 ޕަސެންޓް އިތުރުކުރަން ވެސް ކޮމެޓީން ވަނީ ނިންމަވާފައެވެ. 

ސިނގިރޭޓްގެ އިތުރުން ފިޒީ އަދި އެނަރޖީ ޑްރިންކުންވެސް ޑިއުޓީ ބޮޑުކުރުމަށް ކޮމެޓީން ވަނީ ނިންމަވާފައެވެ. އެގޮތުން އެނާރޖީ އަދި ސޮފްޓް ޑްރިންކުން ލީޓަރަކަށް 4 ރުފިޔާ 60 ލާރި ބޮޑުކުރަން ކޮމެޓީން ވަނީ ނިންމަވާފައެވެ.