ޚަބަރު

ސަރުކާރުގެ ސިޔާސަތުތަކަށް އިންޑިޔާގެ ތަޢުރީފް


ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ތަޢުރީފުކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް އެމް.ޖޭ.އަކްބަރު، މިކަމަށް ތަޢުރީފް ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް އިންޑިޔާގެ ބޮޑުވަޒީރު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގުޅުމަށް އިތުރު ތާޒާކަމެއް ގެނުވުންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރުމަށް އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތަރައްޤީގެ މަގުގައި ކުރިޔަށްދާ ޞުލްޙަވެރި މުޖުތަމަޢެއް އޮންނަ ޤައުމަކަށްވުމަށް އިންޑިޔާއިން އަބަދުވެސް އެދޭކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14877621360518.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް(ކ)، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް އެމް.ޖޭ.އަކްބަރު(ވ)- ފޮޓޯ: ރައީސް އޮފިސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، އިންޑިޔާގެ ބޮޑުވަޒީރާއި، ސަރުކާރާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ސްޓޭޓް މިނިސްޓަރގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާ ފަސްޓް ޕޮލިސީއަށް އަލިއަޅުއްވާލައްވަމުން ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމަށް ރާއްޖޭގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރެކޭ އެއްގޮތައް އިންޑިޔާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ދެއްވާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.