ދުނިޔެ

ޓްރަމްޕްގެ ވާހަކަފުޅުތަކުން ދުނިޔެވަނީ ބައިބައިވެފައި- އެމްނެސްޓީ


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގެ ތެރޭގައާއި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޑޮނަލްޑް ޓްރަމްޕް ދައްކަވަމުންދާ ވާހަކަފުޅުތަކުގެ ސަބަބުން ދުނިޔޭގައި ބައިބައިވުން އުފެދި ނުރައްކާތެރި މާޙައުލެއް އުފެދިފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ޢާންމުކޮށްފައިވާ ދެހާސް ސޯޅަވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވަނީ ސިޔާސީ ފަރާތްތަކުން ކެމްޕެއިންތަކުގައި ދައްކާ ވާހަކަތަކުގެ ސަބަބުން އިންސާނީ ކަރާމާތާއި ހަމަހަމަކަން ނެތެމުންދާ ކަމަށެވެ.

ދުނިޔޭގެ ސަތޭކަ ފަންސާސް ނުވަ ޤައުމެއް އެކުލެވޭ ގޮތަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުންދާ ވާހަކަފުޅުތަކުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުން ގެއްލި ބޮޑު އަނދިރި ގަނޑެއްގެ ތެރެއަށް ވެއްޓިފައިވާކަމަށެވެ.

އިނގިރޭސިވިލާތުގައި ޤާއިމުވެފައިވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެޖަމްޢިއްޔާގެ ސެކެރެޓަރީ ޖެނެރަލް ސަލީލް ޝެޓީ ވިދާޅުވީ ދެހާސް ސޯޅަވަނަ އަހަރު ދުނިޔޭގެ ކަންކޮޅުތަކުގައި ސިޔާސީ ގޮތުން ނަފްރަތާ ބިރުވެރިކަން ފުޅާ ދާއިރާއެއްގައި ފެތުރިގެން ގޮސްފައިވާކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝެޓީ ވިދާޅުވީ ވަކި ދީނަކަށް އަދި ވަކި ނަސްލަކަށް ނިސްބަތްވާ މީހުންނާއި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ މީހުންގެ އަގުވެއްޓޭ ފަދަގޮތްގޮތަށާއި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތްގޮތަށް ސިޔާސީ ބޭފުޅުން ވާހަކަފުޅު ދައްކަވަމުންދާ ކަމަށެވެ. އަދި މިހެން މިކަންކުރުމުގެ ނަތީޖާއަކީ އިންސާނީ ޙައްޤުތައް ގެއްލި، ފިތުނަ ފަސާދައިގެ ތެރެއަށް ދުނިޔެ ވެއްޓުން ކަމަށް ވެސް ޝެޓީ ވިދާޅުވިއެވެ.

ދުނިޔޭގައި ބައިބައިވުން އުފެދި ނުރައްކާތެރި މާޙައުލެއް އުފެދިފައި ވީނަމަވެސް ޢާންމުން އެކަންކަމާ ދެކޮޅަށް ތެދުވަމުންދާކަމަށާއި، ރުޅިވެރިކަމާ ޙަސަދަވެރިކަން ދޫކޮށް އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، ދެހާސް ސޯޅަވަނަ އަހަރުގެ ރިޕޯޓުގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ދުނިޔޭގެ ޤައުމުތަކުން އިހުމާލުވެފައިވާކަން ފާހަގަކޮށްފައެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގަމުން ދިއުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު ހާހުން އިތުރުވަމުން ދިޔަ ނަމަވެސް އެމީހުންނަށް އެހީވުމުގައި ގިނަ ޤައުމުތަކަކުން ފަސް ޖެހެމުންދާ ކަމަށް ވެސް އެޖަމްޢިއްޔާއިން ބުނެއެވެ. އެގޮތުން، ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުވައިދިނުމަށް ތިރީސް ހަ ޤައުމަކުން މިދިޔަ އަހަރު ދެކޮޅުހަދާފައިވާކަމަށާއި، އެފަދަ މީހުން އެޤައުމުތަކަށް އެތެރެވުން ހުއްޓުވާފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ޢާންމުކޮށްފައިވާ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުން އަވަށްޓެރި އުރުދުންގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި އެބަތިއްބެވެ. އަދި ހާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިރު، އެމީހުންނަށް އެހީވުމުގެ މުހިއްމުކަމާ އެމީހުންނަށް އެހީވުމުގައި ދުނިޔޭގެ ޤައުމުތަކުން އެކަށީގެންވާ މިންވަރަށް ހޭލުންތެރިވެފައިނުވާ ކަމަށް ވެސް އެޖަމާޢަތުން ބުނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ދެހާސް ސޯޅަވަނަ އަހަރާ ގުޅޭ ރިޕޯޓް ޢާންމުކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ.

ޕެރިހުގައި މިރިޕޯޓް ޢާންމުކޮށްފައިވަނީ ފަރަންސޭސިވިލާތުގައި ހިންގަމުންދާ އިންސާނީ ކަރާމާތަށް ގެއްލުންލިބޭފަދަ ޢަމަލުތަކާމެދު އެޤައުމުގެ ރައްޔިތުން ހޭލުންތެރިކުރުވުމަށްކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. އެގޮތުން، ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގައި ދީފައިވާ ތަފާތު ޙަމަލާތަކުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ވެސް އެއްބައިވަންތަކަމާއިއެކު އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ޢާންމުކުރި ރިޕޯޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.