ތަރައްްޤީ

އއ. އުކުޅަހުގެ ނަރުދަމާގެ މަސައްކަތް މިއަހަރު ނިމޭނެ - ރައީސް


އއ އުކުޅަހުގެ ނަރުދަމާގެ މަސައްކަތް ފެށި، މިއަހަރުގެ ތެރޭގައި ނިންމަވާލެއްވޭނޭކަަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތުމަށް މިއަދު ސްޓެލްކޯގައި ބޭއްވެވި ރަސްމިއްުޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުކުޅަހުގެ ކައުންސިލު މެމްބަރުންނާއެކު ބޭއްވެވި މަޝްވަރާތަކުން ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމެވުމަށް އެބޭފުޅުން ބޭނުންފުޅުވާކަން އެނގިވަޑައިގެންފައިވާކަމަށެވެ. އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާ، އެމަސައްކަތް މިއަހަރު ނިންމަވާލެއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިން ސަރުކާރަކީ މިސަރުކާރުކަން ފާހަގަކުރެއްވިއެވެ. އަދި ޕީޕީއެމްގެ ކުރިމަތީގައި އެއްވެސް ރައްޔިތެއް ތަފާތުނުކުރާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށް ވިދާޅުވިއެވެ. އެގޮތުން ސަބްސިޑީއާއި ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުތަކަކީވެސް ރައްޔިތުންނަށް ފައިދާހުރި ގޮތަށް ގެންނަ ބަދަލުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަބްސިޑީވެސް ދެއްވަންޖެހޭނީ އެބޭނުންވާ ފަރާތްތަކަށްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި އުޅޭ އެންމެންނަށް ސަބްސިޑީ ދެއްވަން ނުޖެހޭކަން ރައީސް ވިދާޅުވިއެވެ. އަދި ސަބްސިޑީއަކީވެސް އެހައްޤުވާ ފަރާތްތަކަށް ދެއްވަންޖެހޭ އެއްޗެއްކަމަށާއި މިހާރުވެސް ސަބްސިޑީ ދެއްވަމުންގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި މިއީ މުހިއްމު އިންތިޚާބެއްކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓްދެއްވުމަކީ ތަރައްޤީއަށް ދެވޭ ވޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.