ޚަބަރު

އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސް ލޯނު ތަޢާރަފްކޮށްފި


ބީއެމްއެލްއިން އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސް ލޯނު ތަޢާރަފްކޮށްފިއެވެ. 

މި ލޯނަކީ އިސްލާމީ އުޞޫލުތަކުގެ މަތިން ގެދޮރު ޢިމާރާތްކުރުމާއި އާބާތުރަ ފިލުވުމާއި ގޯތިގަތުމަށް އެހީވެދޭ ސްކީމެކެވެ. ބީއެމްއެލްގެ އިސްލާމިކް ޑައިރެކްޓަރ ޒުލްޤަރުނައިން ތަމާން ވިދާޅުވީ ރާއްޖެގެ ހައުސިންގއަށް އޮތް ޑިމާންޑަށް ބަލާއިރު މި ލޯންއަކީ ގެ ހެދުމަށް ބޭނުންވެ، ފައިސާގެ ދަތިކަން ހުރި މީހުންނަށް ވަރަށް ބޮޑު އެހީއެއްކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ޢިމާރާތްކުރުމަށް މިލޯނު ނެގޭނެ ކަމަށް ތަމާން ވިދާޅުވިއެވެ. މި ސްކީމްގެ ދަށުން ޕްރޮޖެކްޓް ޚަރަދުގެ އަށްޑިހަ އިންސައްތައާ ހަމައަށް ފައިނޭންސް ކޮށްދެއެވެ.

img:http://s2.psmnews.mv/images/660x400/14877502574274.jpg|އިސްލާމިކް ހޯމް ކޮންސްޓަރަކްޝަން ފައިނޭންސް ލޯނު ތަޢާރަފްކުރުމުގެ ގޮތުން ބެންކުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ

މި ލޯނަށް ފައިސާ ދައްކަންޖެހެނީ 20 އަހަރަށް ބަހާލައިގެނެވެ. އަނބުރާ ފައިސާ ދައްކަން ޖެހެނީ އަހަރަކު 9.5 އިންސައްތަ ނުވަތަ 10.5 އިންސައްތަ ޕްރޮފިޓް ރޭޓުގައެވެ. މި ލޯނުގެ ގްރޭސް ޕީރިއަޑަކީ ބާރަ މަސްދުވަހެވެ. މި ސްކީމަށް އެދެން ބޭނުންވާ މީހުންނަށް އެޕްލިކޭޝަން ފޯމް ބީއެމްއެލް އިސްލާމިކް ބްރާންޗާއި އަތޮޅުތަކުގައި ހުރި ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކަށް ލެވޭނެކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

މިއީ އަހަރެންގެ ބޭންކް ކެމްޕެއިންގެ ދަށުން ތަޢާރަފްކުރި ލޯނެކެވެ. އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ 31 ބްރާންޗަކުން ބީއެމްއެލް އިސްލާމިކް ފައިނޭންސް ޚިދުމަތްދަނީ ދެމުންނެވެ.