ސިޔާސީ

ވިލިމާލެ، ހުޅުމާލޭގައި މޯބައިލް ސްޓޭޝަންތަކުން ވޯޓަށް ރަޖިސްޓްރީ


ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓްލުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ވިލިމާލެ އަދި ހުޅުމާލޭގައި މޯބައިލް ސްޓޭޝަންތަކެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރައްވައިފިއެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް އިއްޔެއިން ފެށިގެން އަންނަ މަހުގެ ދެވަނަދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުއްވާލައްވާފައެވެ. މި މުއްދަތުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތަކަށް ހުޅުމާލޭ ޓާރމިނަލްގައާއި، ވިލިމާލޭ ޓާރމިނަލްގައި މޯބައިލް ސްޓޭޝަންތަކެއްވަނީ ބަހައްޓަވާފައެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުށައެޅޭނީ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލާއި ކޮޕީއާއެކު ފޯމް ހުށައެޅުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މި ފުރުޞަތަކީ އިންތިޚާބު ބާއްވަވާ ތާރީޚަށް އައި ބަދަލާ ގުޅިގެން ހުޅުވާލި ފުރުޞަތެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުޞަތުގައި ރީރަޖިސްޓްރީ ކުރުމަށް ފޯމް ހުށައެޅިފަރާތުން އަލުން ފޯމް ހުށައަޅަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚަކީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ.