ޚަބަރު

"ހީވާގި ކަނބަލުން" މައުރަޒު ފެށެން ދެދުވަސް


"ހީވާގި ކަނބަލުން" ނަމުގައި، އަންހެނުން ކުރާ މަސައްކަތްތައް ދައްކާލުމުގެ ބާއްވާ މަޢުރަޒަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުންވެސް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް މަޢުރަޒު އިންތިޒާމްކުރާ ކޮމެޓީން ބުނެފިއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކުރަމުންދާކަން އެކޮމެޓީން ފާހަގަކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ މަޢުރަޒެކެވެ.

"ހީވާގި ކަނބަލުން" ގެ މަޢުރަޒާ ގުޅޭގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން މަޢުރަޒުގެ އެޑްމިނިސްޓްރޭޓިވް ޑިޕާރޓްމެންޓްގެ ހެޑް އަދި ސްޓިއަރިންގ ކޮމެޓީގެ މެމްބަރ އާމިނަތު މާޝާ ވިދާޅުވީ މަޢުރަޒަށް ތައްޔާރުކުރި ތަކެތި ބަލައިގަތުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލި ކަމަށެވެ. އަދި މިހާރު ކުރިޔަށް ގެންދަނީ މަޢުރަޒު ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ހީވާގި ކަނބަލުންގެ މަޢުރަޒުގައި ކާބަފައިންގެ ޒަމާނުގައި ކުރަމުންގެންދިޔަ ގިނަ މަސައްކަތްތައް ފެންނާނެ ކަމަށާއި، ލައިވް އިވެންޓްތަކާއެކު، ގިނަ ޙަރަކާތްތަކެއް މި މައުރަޒުގައި ފެނިގެންދާނެކަމަށްވެސް މައުރަޒު އިންތިޒާމުކުރާ ކޮމެޓީން ފާހަކުރެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ފެށުމަށް ހަމަޖެހިފައިވާ މި މަޢުރަޒަށް ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ފޮނުވާފައިވާ ދަޢުވަތު ކާޑުގައި ލަކީ ޑްރޯ ކޫޕަނެއް އޮންނާނެ ކަމަށާއި، އެ ކޫޕަން ފުރައިގެން ޖަލްސާއަށް ވަޑައިގެންނެވުމަށް މައުރަޒު އިންތިޒާމުކުރާ ކޮމެޓީން އެދެއެވެ.

"ހުރިހާ ބޭފުޅުންވެސް ފިލްކޮށްލައިގެން ވަޑައިގަތުން އެދެން އެއީ އަގުބޮޑު އިނާމްތަކެއް ހުށަހެޅިފައިވާ ކޫޕަނެއް. އެއީ ދުބާއި ދެކޮޅު ޓިކެޓް އަދި ބޭންކޮކް ދެކޮޅު ޓިކެޓް. އަދި ވަރަށް ޙާއްސަ ހީވެސް ނުކުރާ އިނާމްތައް ހުންނާ. އަދި މައުރަޒު ނިމެންދެން ހަވީރުވެސް ރޭގަނޑުވެސް މައުރަޒަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކޫޕަން ފުރުމުގެ ފުރުޞަތު ލިބޭނެ . ކޮންމެ ރެއަކުންވެސް 3 ފަރާތަކަށް އިނާމް ލިބިގެންދާނެ. ހޮވޭ ފަރާތެއް ކޮންމެ ރެއަކުވެސް އިއުލާން ކުރާނެ" އާމިނަތު މާޝާ ވިދާޅުވިއެވެ.

މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ން ފެށިގެން 27 ހުގެ ނިއަލަށް ދަރުބާރުގޭގައެވެ. މި މައުރަޒުގައި މިއަންނަ ހޮނިހިރުދުވަހާއި އާދީއްތަ ދުވަހުގެ މެންދުރު ފަހު 2ކުން ފެށިގެން ހަވީރު 6 ޖެހުމާއި ހަމައަށް ޘަޤާފީ ޙަރަކާތްތައް ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

"ހީވާގި ކަނބަލުން" މައުރަޒަކީ ދިވެހި އަންހެން ކަނބަލުންގެ ހުނަރުވެރި މަސައްކަތްތައް އެއްތަނަކުން ފެންނާނެ އިންތިޒާމެއް ހަމަޖައްސާ، މި ފަދަ ކަނަބަލުންގެ މަސައްކަތްތެރިކަމުގެ އަގުވަޒަންކޮށް ހިއްވަރުދިނުމުގެ ގޮތުން ކުރިޔަށްގެންދާ މަޢުރަޒެކެވެ.