ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބައެއް ސްކޫލްތަކުގެ ދަރިވަރުން މިއަދު ސްކޫލަށް ގޮސްފައިވަނީ ޘަޤާފީ ހެދުމުގައެވެ. އަދި މި ދުވާހާއި ގުޅުވައިގެން ބައެއް ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީތައް ބާއްވާފައިވެއެވެ. ބައެއް ސްކޫލްތަކުގައި އަދަބީ ޙަރަކާތްތައްވެސް ބާއްވަވާފައިވާއިރު، މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން ވަނީ ޢިލްމީ ފޯރަމެއް ބޭއްވެވުމަށް ނިންމަވާފައެވެ.
ބްރާސްފަތި ދުވަހުގެ 8:30 ގައި އިސްލާމިކް ޔުނިވަރސިޓީގައި ބާއްވަވާ މި ފޯރަމުގައި އެކި ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޢިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ފޯރަމުގައި ވާހަކަދެއްކެވުމަށް ހަމަޖައްސަވާފައިވަނީ ޤައުމު ހޭލުންތެރިކުރުމާއި ބަހުގެ މައްޗަށް މިހާރަށްވުރެ ފުންކޮށް ވިސްނުމާއި ބެހޭ ގޮތުންނެވެ. އަދި ދަރިންތަރުބިއްޔަތު ކުރުމުގައި ދިވެހި ބަހުގެ ދައުރާ ގުޅޭ ގޮތުން ވެސް މި ފޯރަމުގައި ވާހަކަދައްކަވާނެއެވެ. ސްކޫލްކުދިންނާއި އާންމުންނާއި ހުޅުވާލައިގެން ބާއްވަވާ މި ފޯރަމުގައި ބަހާއި މެދު ދަރިވަރުންނާއި އާންމުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީން ހާމަކުރައްވައެވެ.
މީގެ އިތުރުން ޔުނެސްކޯ ކޮމިޝަނާއި ގުޅިވަޑައިގެން ސްކޫލްތަކުގައި ޚާއްސަ އަދަބީ މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް އެކެޑަމީން ވަނީ ނިންމަވާފައެވެ. ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މި މުބާރާތްތަކުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ބަހާއި މެދު ލޯބި އުފައްދައި ބަސްބޭނުންކުރުމުގެ ހުނަރުތައް ކުރިއެރުވުން ކަމަށެވެ.
"ކޮންމެ ސްކޫލަކުންވެސް އެކުދިންނަށް މިދެނީ ވަކި ވަގުތެއް. އަދި މާކްސްދޭނެ ވަކި މިންގަނޑެއް. ދެން އެމިންގަނޑަށް ފެތޭގޮތަށް އެވަގުތަށް ފެތޭ އަދަބީ ކޮންމެވެސް ހުށައެޅުމެއް ކޮންމެ ސްކޫލަކުންވެސް ހުށަހަޅަނީ. އެއީ ކުދިންގެ އުފެއްދުންތަކުގައި އަތް ނާޅަންވެގެން. ކުދިންގެ އުފެއްދުންތައް ދިވެހިބަހުގެ ތެރެއިން ހޯދައިދީ މިހާރުދެން މި ގިނަ ބަސްތައް ތައުލީމުގެ ވަޞީލަތްތަކުން ދެމެހެއްޓެނިވި މުސްތަޤްބަލްތައް ހޯދައިދިނުމުގައި ކުދިންނަށް ހުރަހެއްނެތި އެ ކުދިން ހުށައަޅަން ބޭނުންވާ ގޮތަކަށް ކޮންމެ ވެސް ހުށަހެޅުމެއް މީގެ ތެރެއިން ދެއްކޭ ކަހަލަ މުބާރާތެއް ގޮތަށް އަޅުގަނޑުމެން ރާވާފައި އޮތީ." ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.
މާދަރީބަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގައި މިހަފްތާގައި ކިޔަވައިދޭ ފިލާވަޅުތަކުގައިވެސް ދުވަހާއި ގުޅޭ މަޢުލޫމާތުތަކާއި ޙަރަކާތްތައް ހިމެނޭނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ.