ރިޕޯޓް

ބަސް ޙިމާޔަތްކުރުމުގައި މުހިންމީ ފަރުދީ ޒިންމާ !


ދިވެހި ބަސް މަސްހުނިވަމުން އަންނަ މިންވަރާއި، ބަހަށް ކުރިމަތިވަފއިވާ މައްސަލަތަކުން އަރައިގަތުމަށް ކުރަންޖެހިފައިވާ މަސައްކަތް ބޮޑު ކަމަށާއި ފަރުދީ ފެންވަރެއްގައި މިކަމާ ވިސްނާ ފިކުރު ކުރުމަށް ދިވެހި ބަހުގެ އެކަޑަމީން ގޮވާލައްވައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 21ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަސްބަހުގައި ހުރި ޚާއްސަ ސިފަތައް ފާހަގަކޮށް، ބަހާ މެދު ފަރުދުންގެ ހިތްތަކުގައި ލޯބި ޖައްސުވައި ބަސް ކުރިއަރުވައި، ބަސް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދެއެވެ. މިދުވަސް ފާހަގަކުރުމަށް ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯއިން ކަނޑައެޅީ 1999 ވަނަ އަހަރުއެވެ.

މި ދުވަހާ ގުޅިގެން ޔުނެސްކޯއިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ، '' ގިނަ ބައްސަ ތަޢުލީމުގެ ވަޞީލަތުން، ދެމެހެއްޓެނިވި މުސްތަޤުބަލްތަކަށް،."

ދިވެހިރާއްޖެއަކީ ޒަމާންވީ ސަޤާފަތެއް، ދިގު ތާރީޚެއް، މުއްސަނދި ބަހެއް އޮތް ޤައުމެކެވެ. ދިވެހިންގެ އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ އެންމެ ބޮޑު އެއްޗަކީ ދިވެހިން ވާހަކަދައްކަމުން އަންނަ ދިވެހި ބަހެވެ. ދިވެހި ބަހަށް ޚާއްސަ ވެފައިވާ އަސާސްތައް އެބަހުއްޓެވެ. އޭގެތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުން ވާހަކަ ދައްކާ ބަހުރުވައަކީ ބަހަށް ވަރަށް މުހިންމު އަސާސެކެވެ. މީގެތެރޭގައި، އައްޑޫ ބަހުރުވައާއި، ހުވަދޫ ބަހުރުވަ ފާހަގަކޮށްލެވެއެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ބަހަށް އިޙްތިރާމުކުރުމާއި، ކުށްނުލައި ސާފު ދިވެހި ބަހުން ވާހަކަދެއްކުމަށް މަސައްކަތްކުރުމުގެ ޢަޒުމް އާ ކުރުމަކީ މުހިންމު ކަމެކެވެ. މިކަމަށް ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނުންވެސް ބާރުއަޅައެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ދިވެހި ބަސް މަސްހުނި ވަމުން އަންނަ މިންވަރާއި، ބަސް ޙިމާޔަތްކޮށް ކުރިއެރުވުމަށް ހުރި ދަތިތަކާއި ތުރާތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

'' ދިވެހި ބަސް މަސްހުނިވަމުން އަންނަ މިންވަރާއި ބަހަށް ހުރި ދަތިތަކާއި ތުރާތަކުން އަރައިގަތުމަށް ކުރަންޖެހިފައި ހުރި މަސައްކަތުގެ ބޮޑު ކަމާއި އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަންޖެހޭ. މިފަދަ ދުވަހެއް ފާހަގަކުރާއިރު މިކަމަށް ވިސްނަންޖެހޭ '' ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ.

ބަހަށް ބާރުވެރިކަން ހޯދައިދީ، ދަރިވަރުންގެ ހިތްތަކުހައި ބަހަށް ލޯބި ޖައްސަން ޤައުމީ ފެންވަރުގައި، ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ ޝާމިލްވުން ހިމެނޭނެ ފުރުޞަތުތައް ފަހިކޮށްދޭން ޖެހޭ ކަން އަޝްރަފް ފާހަގަކުރެއްވިއެވެ. ދިވެހި ބަސް ތަރައްޤީކޮށް، ބަސް ކުރިއަރުވަން ފަރުދީ ފެންވަރުގައި މަސައްކަތްކުރެއްވުމަށް އަޝްރަފް އިލްތިމާސްކުރެއްވިއެވެ.

" ދިވެހި ބަސް މިހާރަށް ވުރެ ބޮޑަށް ތަރައްޤީކޮށް ކުރިއަރުވާ ޒުވާނުން ޤައުމުގެ އެކި އުމުރުގެ މީހުން ބޭނުން ކުރެވޭނެ ފަސޭހަ ނިޒާމްތައް ހަދައިދީ، ތައްޔާރުކޮށް، ބަހަށް އޮތް ޖާގަތަށް ތަނަވަސްކޮށްދިނުމަށް  އޭގެ ތައުލީމާއި ޢިލްމު ހުރި ބޭފުޅުން ހުޅުވާލަދެއްވާށޭ '' ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ.

ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ވުޒާރަތާކައި، އޮފީސްތަކާއި، މުވައްސަސާތަކުގައި ދިވެހިބަހަށް އިސްކަންދީ ކުށެއް ނެތް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ބާރުއެޅުއްވުމުގެ ގޮތުން ބަހުގެ އެކަޑަމީން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައވެ.

އެގޮތުން ދެހާސް ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖާގައި މާދަރީ ބަހުގެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަމުން ގެންދެއެވެ.