ތަރައްްޤީ

ކޮލަމާފުށީ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށްޓަވައިފި


ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީގައި، ޤާއިމްކުރައްވާ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް، އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ. 

56 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ އޮފިޑް ފަންޑުގެ 80 އިންސައްތަ އެހީއާއި ދިވެހި ސަރުކާރުގެ 20 އިންސައްތަ ހިމެނޭ ބަޖެޓަކުން ހޭދަކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. ކޮލަމާފުށީގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް އެންވަޔަރްމަންޓް މިނިސްޓަރ މިއަދު ހަވީރު ކޮލަމާފުއްޓަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކޮލަމާފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރައްވަނީ އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިގެނެވެ. މިމަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރ ދިގުމިނުގެ ފެން ވިއުގައަކާއި ނަރުދަމާގެ ވިއުގައެއް ކޮލަމާފުށީގައި ޤާއިމްކުރެވޭނެއެވެ. 

img:http://s4.psmnews.mv/images/660x400/14876012033074.jpg|ކޮލަމަފުށީ ފެނާއި ނަރުދަމާގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ފެނުގެ ނިޒާމުގައި 86 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓައި، މިޕްލާންޓްތަކުން ފެން އުފައްދުމަށް 794 ޓަނުގެ ތާނގީއަކާއި ފެން ރައްކާކުރުމަށް 521 ޓަނުގެ ތާނގީއެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. ކޮލާމާފުށްޓަކީ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އެއްފަހަރާ ކުރިއަށް ގެންދާ ހަތަރުވަނަ ރަށްކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮލަމާފުށީގެ ފެނާއި ނަރުދަމާ ނިޒާމް މިއަހަރު ނިމުމުގެ ކުރިން ނިންމާ، ސާފު ބޯފެނުގެ ޚިދުމަތާއި، ނަރުދަމާ ޚިދުމަތް ދެވޭނެކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކޮލާމާފުށީގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވަނީ އެއްވެސް ފިކުރަކަށް ބެއްލެވުމެއް ނެތިކަމަށެވެ. ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ނުވާނެކަމަށް ނިންމައި، ދޫކޮށްލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.