ޚަބަރު

މަސް ދުވަހުގެ ތެރޭގައި ތަޢުލީމާ ބެހޭ ބިލު ނިންމަނީ!


ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 ނިމެންދެން ހިލޭ ތަޢުލީމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށް ބަޔާންކުރައްވާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމެވުމަށް އެބިލް ދިރާސާ ކުރައްވާ ޤައުމީ ތަރައްޤީ ކޮމެޓީން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ޤައުމީ ތަރައްޤީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަރުކާރަށް ތާޢީދު ކުރައްވާ މެންބަރުން ވިދާޅުވީ ބިލުގައި ބައެއް ކަންކަމަށް ވަކި މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ ކަންކަން އެ މުއްދަތުތަކުގައި ތަންފީޒު ނުވުމުގެ ބިރު އެބައޮތް ކަމަށެވެ. ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުގެ ބައެއް ވާހަކަފުޅުތަކަށް ތާޢީދުކުރައްވާ، ކޮމެޓީގައި ތިއްބެވި ބައެއް އިދިކޮޅު މެންބަރުން ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމެންބަރުން ވިދާޅުވީ، އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ނިންމުމުގެ ބަދަލުގައި ބިލާ ގުޅޭގޮތުން ޚިޔާލު ހޯއްދެވުމަށް ކަމާ ގުޅުންހުރި މުވައްސަސާތަހުގެ ބޭފުޅުން ޙާޒިރު ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެޓީ ނިންމަވާލައްވަމުން ކޮމެޓީގެ މުޤައްރިރު އަދި ބާރަށު ދާއިރާގެ މެންބަރ އިބްރާހީމް ޝުޖާޢު ވިދާޅުވީ އެ ކޮމެޓީން ބިލުގެ މަސައްކަތް ނިންމާލާނީ ބިލަކީ ފުރިހަމަ ބިލަކަށް ހެއްދެވުމަށްފަހު ކަމަށެވެ. އަދި އެބިލަކީ ރާއްޖޭގެ މުސްތަޤްބަލު ކަމަށްވާ ކިޔަވާ ކުދިންނާ ގުޅިފައިވާ ބިލެއް ކަމުން ބިލުގެ މަސައްކަތް ކުޑަ ކޮމެޓީއަކަށް ނުގެންގޮސް ބޮޑު ކޮމެޓީން ކުރައްވާނެ ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ. 

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރ ޢަލީ ސަލީމް މަޖިލީހަށް ހުށަހެޅުއްވި ތަޢުލީމާބެހޭ ބިލު ފާސްވުމާއެކު ހަނގާކުރުން ފަދަ ޢަމަލުތަކާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކާތެރިވެފައިވާ އަމާން މާޙައުލެއްގައި އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަސް ލިބިގެންދާނެ ކަމަށް މެމްބަރުން ވިދާޅުވެއެވެ. އަދި ރަސްމީ ތަޢުލީމީ ނިޒާމުގައި ބައިވެރިވެ، އެ ނިޒާމުގެ ތެރެއިން ތަޢުލީމް ޙާޞިލްކުރުމުގެ ޙައްޤު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ލިބިގެންދާނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ. 

މި ބިލުގައި ވަނީ އެއްވެސް ކުއްޖަކު ބާކީނުވާ ގޮތުގެ މަތިން ޕްރީ ސްކޫލު ތަޢުލީމާއި ޘާނަވީ ތަޢުލީމް ހިލޭ ދިނުމަށްޓަކައި އެކަށީގެންވާ ފުރުޞަތުތަކާއި ވަޞީލަތްތައް ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. ވޮކޭޝަނަލް އެޑިއުކޭޝަން ހިމެނޭގޮތުން އެންމެހާ ބާވަތްތަކުގެ ޘާނަވީ ތަޢުލީމް ލިބިދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްޤީ ކުރުމާއި ކޮންމެ ކުއްޖަކަށްމެ ތަޢުލީމް އުނގެނުމުގެ ފުރުޞަތު ލިބިދީ، ހިލޭ ތަޢުލީމް އުނގެނުމުގެ ފުރުޞަތާއި ތަޢުލީމް ޙާޞިލް ކުރަމުންދާ ކުއްޖާ ބޭނުންވެއްޖެ ހިނދެއްގައި މާލީ އެހީތެރިކަން ދިނުމަކީވެސް ދައުލަތުގެ މައްޗަށް ބިލުން ލާޒިމްކުރައްވާފައިވާ ކަންތައްތަކެވެ. ބިލުގައި ދައުލަތުގެ މައްޗަށް ކަންތައްތަކެއް ލާޒިމު ކުރައްވާފައިވާއިރު ބިލުން ވަނީ މައިންބަފައިންގެ މައްޗަށްވެސް ކަންތައްތަކެއް ލާޒިމްކުރައްވާފައެވެ. އެގޮތުން ކުދިން ޤަވާޢިދުން ސްކޫލަށް ފޮނުވުމާއި ސްކޫލަށް ދާއިރު ކުއްޖާ ހުންނަނީ ރަނގަޅު ކާނާ ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައިކަމާއި ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތުން ދަރިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ މައިންބަފައިންގެ މައްޗަށް މި ބިލުގައި ލާޒިމްކުރައްވާފައިވާ ކަންތައްތަކެކެވެ. އަދި ދަރިންގެ ކިޔެވުމުގައި ޓީޗަރުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީވެސް މައިންބަފައިންގެ ޒިންމާއެއް ކަމަށް ބިލުގައިވެއެވެ.

ކިޔަވާ ކުދިންގެ ޒިންމާތައް ކަމަށް ބިލުގައިވަނީ އެކުދިން ޤަވާޢިދަށް ސްކޫލަށް ޙާޟިރުވާން ޖެހޭނެކަމަށެވެ. އަދި ސްކޫލުތަކުން ޤާއިމްކުރައްވާފައިވާ ތަޢުލީމީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވެ، ކިޔެވުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ފަރުވާތެރިކަމާއެކު ކިޔެވުމަށް މަސައްކަތް ކުރުވުމަކީވެސް ކިޔަވާ ކުދިންގެ މައްޗަށް މި ބިލުން ލާޒިމް ކޮށްފައިވާ ކަންތައްތަކެވެ.މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރައްވާތާ އެއްމަސް ދުވަހުގެ ތެރޭގައި ޓީޗަރސް ރަޖިސްޓްރޭޝަން ކައުންސިލްގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކައުންސިލެއް އުފައްދަވަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މި ކައުންސިލް އުފެއްދުމަށްފަހު ރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ރަޖިސްޓްރީކުރުމަކާނުލައި ޓީޗަރަކަށް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. އަދި އެފަދައިން ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް މެނުވީ އެއްވެސް ސްކޫލެއްގައި ޓީޗަރަކަށް ވަޒީފާ އަދައެއް ނުކުރެވޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް ޓީޗަރަކު ވަޒީފާގައި ބަހައްޓައިގެންވެސް ނުވާނެކަމަށް ބިލުގައިވެއެވެ.