ޚަބަރު

މިލަންދޫ ސްކޫލަށް އިތުރުކުރާ ޢިމާރާތް އޭޕްރިލް މަހު ނިމެނޭ


ށ. މިލަންދޫ ސްކޫލަށް އިތުރުކުރާ 4 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް އަންނަ އޭޕްރިލް މަހު ނިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިލަންދޫ ސްކޫލަށް އިތުރުކުރާ ބައިގައި 16 ކްލާސްރޫމް ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ބޮޑު ބައެއް ކުރިއަށްގެންދަވަނީ އަތޮޅުތަކުގައެވެ. މިގޮތުން ށ. އަތޮޅުގައި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާއިރު އެ މަސައްކަތްތައް މިއަހަރު ނިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ. img:http://s2.psmnews.mv/images/660x400/14876626243386.jpg|މިލަންދޫ ސްކޫލަށް އިތުރުކުރާ ޢިމާރާތް - ފޮޓޯ: ޕީއެސްއެމް

ށ. އަތޮޅުގައި ކުރިއަށް ގެންދަވާ މަޝްރޫތަކުގެ ތެރެއިން އެ އަތޮޅު މިލަންދޫގައި އިމާރާތް ކުރައްވާ 16 ކްލާސްރޫމްގެ ޢިމާރާތް އަންނަ އެޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ ޢިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރިއަށްދަނީ ތަށި މުށި ޖެހުމާއި، ފިނިޝިންގެ މަސައްކަތްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ތަފާތު ގޮތަކަށް ފަރުމާކުރައްވައިގެން މިލަންދޫ ސްކޫލްގައި ޢިމާރާތްކުރައްވާ އައު ޢިމާރާތަކީ ދައުލަތުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ށ. އަތޮޅޫގައި ކުރިއަށް ގެންދަވާ މަޝްރޫއުތަކުގެ ތެރެއިން ށ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް ޢިމާރާތްކުރާ 4 ކްލާސްރޫމްގެ މަސައްކަތް ނިންމާ، އޭޕްރީލް މަހަށް ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮމަންޑޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރެއްވުމަށް ޢިމާރާތްކުރައްވާ މި ކްލާސްރޫމްތަކުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ.

ށ. އަތޮޅުގައި ކުރިއަށްގެންދެވި މަޝްރޫޢުތަކުގެ ތެރެއިން މަސައްކަތް ނިމި ފުނަދޫ ސްކޫލްގައި ޢިމާރާތްކުރި 16 ކްލާސްރޫމްގެ 4 ބުރި ޢިމާރާތެވެ. މިހާރުވަނީ ބޭނުންކުރައްވަން ފަށްޓަވާފައެވެ. މަލްޓިޕާޕަސް ހޯލަކާއެކު ޢިމާރާތް ކުރައްވާފައިވާ މި ކްލާސްރޫމްތަކުގައި މިއަހަރުގެ ދިރާސީ އަހަރާއި އެކު ވަނީ ކިޔަވާދޭން ފަށްޓަވާފައެވެ.