ރ. ދުވާފަރު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ. މިއީ އިސްލާމިކް މިނިސްޓްރީއާއި ދުވާފަރު ކައުންސިލާއި އަދި ދުވާފަރު އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޢަބްދުއްރައްޒާޤް ފައުންޑޭޝަން ގުޅިވަޑައިގެން ހިންގަވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އިންތިޒާމްކުރި ޢަބްދުއްރައްޒާޤް ފައުންޑޭޝަންގެ މެންބަރ އިބްރާހީމް މިރްޒާ ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ދުވާފަރުގައި ފެއްޓެވި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކީ އެކި މައްސަލަތަކުގައި ދިމާވާ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލެއްވުމަށް ފެށްޓެވި ޕްރޮގްރާމެއް ކަމަށެވެ. އަދި ނެތެމުންދާ ދީނީ ރިވެތި އާދަތައް އާލާކުރެއްވުމަކީވެސް މި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްގެ ބޭނުމެއް ކަމަށެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކޮންމެ މަހެއްގެވެސް މެދުތެރޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައުންޑޭޝަންގެ ވިސްނުން ހުރީ މުޅި އަތޮޅަށް އެ ޕްރޮގްރާމު ފުޅާކުރުން ކަމަށް ޢަބްދުއްރައްޒާޤް ފައުންޑޭޝަނުގެ މެންބަރ މިރްޒާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދެ ޝައިޚުން ކަމަށްވާ އައްޝައިޚް ޙަސަން ތަޢުފީޤާއި އައްޝައިޚް އަޙްމަދު މައުމޫން ވަނީ ދުވާފަރުގައި ދީނީ ދަރުސް ދެއްވަވާފައެވެ. މި ދެބޭފުޅުންވެސް ދަރުސް ދެއްވާފައިވަނީ ސަލާމްކުރުމާއި ސަލާމް ގޮވުމުގެ މާތްކަމުގެ މައްޗަށެވެ.