ޚަބަރު

ސައުތް އޭޝިއަން ސްޕީކާސް ސަމިޓުގައި ޤަރާރެއް ފާސްކޮށްފި


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުން ޤަރާރެއްގައި ސޮއި ކުރައްވައިފިއެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުންގެ މެދުގައި ބޭއްވި ދެދުވަހުގެ ބައްދަލުވުމުގައި ތަރައްޤީއާއި ތިމާވެށްޓާ ހަމަހަމަކަން ޤާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މިޤަރާރުގެ ސަބަބުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެ، ސަރަޙައްދީ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިބައްދަލުވުމުގެ ބައިވެރިން ހާމަކުރައްވައެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުކަމަށްވާ ދެކުނު އޭޝިއާއިން ފަޤީރުކަން ނައްތާލުމަށް ޤައުމުތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުންގެ ބައްދަލުވުން ނުވަތަ ސައުތު އޭޝިޔަން ސްޕީކަރސް ސަމިޓުގައި މިއަހަރު ޕާކިސްތާނާ މިޔަންމާ ބައިވެރިނުވި ނަމަވެސް އިންޑިއާއާއި ސްރީލަންކާއާއި ބަންގްލަދޭޝްއާއި އަފްޣާނިސްތާނާ ބޫޓާންއާއި ނޭޕާލްގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވެއެވެ. މިއީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ މެދުގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެދުގައި ބާއްވާ ދެވަނައަށް އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ ސައުތު އޭޝިޔަން ސްޕީކަރސް ސަމިޓުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. އިންޑިއާގައި ބޭއްވި މިބައްދަލުވުމުގައި ޕާކިސްތާނުން ބައިވެރިވެފައި ނުވަނީ މިދިޔަ އަހަރު އެޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައި އޮތް ސާކް ސަމިޓުގައި އިންޑިއާއިން ބައިވެރިވެފައިނުވާތީއެވެ.

އިންޑިއާއިން ޕާކިސްތާނުގައި ބާއްވަން މަސައްކަތް ކުރި ސާކް ސަމިޓުގައި ބައިވެރިނުވުމުން، ސަރަޙައްދީ ގިނަ ޤައުމުތަކުން ވެސް އެގޮތަށް ޢަމަލު ކުރަން ނިންމުމުން، މިދިޔަ އަހަރު ސާކް ސަމިޓް ބާއްވާފައެއް ނުވެއެވެ.