ވިޔަފާރި

އައްޑޫ ސިޓީގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި


އައްޑޫ ސިޓީ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސް އިން އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ޤާއިމްކޮށް، ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީގޮތުން ފަށައިފިއެވެ. 

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓެކްޓް ސެންޓަރާއި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑުރޫ ހީލީއާއި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤްއެވެ.

ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތިން ބްރާންޗެއް އައްޑޫސިޓީގައި ހުރެއެވެ. އެއީ ހިތަދޫ ބްރާންޗާއި ގަން ބްރާންޗް އަދި ހުޅުމީދޫ ބްރާންޗެވެ. އެންމެ ފަހުގެ ވަޞީލަތްތަކާއެކު ޤާއިމްކުރި ކޮންޓެކްޓް ސެންޓަރު ރަސްމީގޮތުން ހުޅުއްވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑުރޫ ހީލީއާއި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤްއެވެ. 

ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދު ދުއިސައްތަ ހަތްދިހަހާހަށްވުރެ މައްޗަށް އަރާކަމަށާއި، މިދިޔަ އަހަރު އެކަނިވެސް ވިހިހާހަށްވުރެ ގިނަ އައު ކަސްޓަމަރުން ބޭންކާ ގުޅުނުކަމަށެވެ.

img:http://s1.psmnews.mv/images/660x400/14875129099856.jpg|ސެލްފް ސަރވިސް އޭޓީއެމް މެޝިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބީއެމްްއެލްގެ ސީއީއޯ އެންޑުރޫ ހީލީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ބީއެމްއެލް

ކަސްޓަމަރ ސަރވިސް އަކީ ބީއެމްލްގެ ޚިދުމަތްތައް ބައްޓަންކުރުމުގެ އެންމެ މުހިންމު އެއް ތަނބުކަމަށާއި، އެހެންކަމުން ދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭކަމަށް ހީލީ ވިދާޅުވިއެވެ. އެކަމަށްޓަކައި، ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަކަމަށާއި، އެގޮތުން މި ކޮންޓެކްޓް ސެންޓަރާއެކު ކަސްޓަމަރުންނަށް އެހީތެރިވުމަށް ޚާއްޞަ ތަމްރީން ލިބިފައި ތިބި މުވައްޒަފުންތަކެއް ޚިދުމަތަށް ނިކުތުމުން، އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދުމަތެއް ދެވޭނެކަން ޔަޤީންވާނެކަމަށް އެންޑުރޫ ހީލީ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ފަރާތުން ކަސްޓަމަރުން ބޭނުންވަނީ އެންމެ ރަނގަޅު ޚިދުމަތް ލިބެން. މޮބައިލް އެޕް ފަދަ އޮންލައިން ޓެކްނޮލަޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޚިދުމަތްތައް ކަސްޓަމަރުން ހޯދުމަށް ބޭންކުން ހިތްވަރު ދިން ނަމަވެސް އެފަރާތްތަކުން ބްރާންޗްތަކަށް ނުވަތަ ބިޒްނަސް ސެންޓަރތަކަށް ގޮސްގެން ނުވަތަ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުންނާ ސީދާ މުއާމަލާތްކުރެވޭނެ ގޮތްތައް ހުރުން މުހިންމު." އެންޑުރޫ ހީލީ ވިދާޅުވިއެވެ. 

ކޮންޓެކްޓް ސެންޓަރުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތްތާނގައި އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. ކޮންޓެކްޓް ސެންޓަރު ހުޅުވުމަށްފަހު އައްޑޫސިޓީގެ ހިތަދޫ ބްރާންޗްގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމާއި، ގަން ބްރާންޗްގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމްވެސް ރަސްމީކޮށް ވަނީ ހުޅުއްވާދެއްވާފައެވެ.