3 މަސްދުވަސްތެރޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ނަބީހުއަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މާސްޓާރސް އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު އެ ޔުނިވަރސިޓީން ފަހިކޮށްދެއްވައިފިއެވެ. ނަބީހު އަކީ އޯޓިޒަމްގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ކީރިތި ޤުރުއާނުގެ ދާއިރާއިން ކިޔެވުމަށް ނަބީހު ބޭނުންވާނަމަ އައިޔޫއެމް އިން އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އެހެންކަމުން މިފަދަ މަސައްކަތްތައް ކުރާ ކުދިންގެ އަގުވަޒަންކުރުމުގައި އެޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަން ޝަހީމް ވިދާޅުވިއެވެ.
އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހާ ފަސޭހަ ކަމެއް ކަމެއް ނޫންކަން ޝަހީމް ފާހަގަކުރެއްވިއެވެ.
"3 މަސްދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކީރިތި ޤުރުއާން ހިތުދަސްކުރުމަށް. އަޅުގަނޑުމެންނަކީ ކޮންމެވެސް ވަރަކަށް މިކަމުގެ ތެރޭގައިއުޅެފައި ތިބި މީހުންނަށް ވީމަ އަޅުގަނޑުމެންނަށް އެނގޭ މިކަމުގައި ހުންނަ ދަތިކަމާއި އަދި އުނދަގޫކަން. އަދި މިއީ ކިހާވަރެއްގެ ބޮޑު ކަމެއްކަން.އެހެންވީމަ އަޅުގަނޑުމެންނަށް ބަލައިގަނެވުނު މިކަންތައްތައް. ވަރަށް ބޮޑަށް އަގުވަޒަންކުރަން ބޭނުންވޭ އަޅުގަނޑުމެން މިކަންތައްތައް." ޝަހީމް ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައި އެ ޢާއިލާ އާއި ޤުރުއާނާއި ބެހޭ މަރުކަޒުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތްތައް ޝަހީމް ފާހަކުރެއްވިއެވެ.
"އޯޓިޒަމް ހުންނަ ކުދިންގެ މައިންބަފައިންނަކީ އެހެން ދަރިން ބެލުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށްވުރެ ބޮޑަށް މިފަދަ ކުދިންނަށް އިނާޔާތްތަކާއި ރިޢާޔަތެއް ދޭންޖެހޭ ބައެއް. އެހެންވީމަ ބައެއް ފަހަރު މާޔޫސްވާތަންވެސް އާދޭ. ހިތްދަތިވާ ތަންވެސް އާދޭ. އެހެންނަމަވެސް އެމީހުން ވަރަށް ހިތްވަރާއި ކެތްތެރިކަމާއި އެކުގައި އެކަމުގައި ދެމިތިބީ. އެހެންވީމަ މިފަދަ އުފާވެރި ކަންތައްތަކެއް މި ޙާޞިލްވީ" ޝަހީމް ވިދާޅުވިއެވެ.
ނަބީހުގެ މަސައްކަތް ފާހަގަކޮށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވެސް ވަނީ ހަދިޔާއެއްގެ ގޮތުގައި 1000 ޑޮލަރާއި ޚަތިމެއް ހަދިޔާކޮށްދެއްވާފައެވެ. ސައުދީ އެންބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ނަބީހު އާއި އިނާމް ޙަވާލުކޮށްދެއްވީ ޑެޕިއުޓީ އެމްބެސެޑަރ މަތްރެކް ޢަބްދު ﷲ އައްދޫސްރީއެވެ.
އުމުރުން 14 އަހަރުގެ ނަބީހު ކީރިތި ޤުރުއާން ހިތުދަސްކުރީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ހިފްޒު ކްލާހުގައި ބައިވެރިވެގެންނެވެ. އަދި ޤުރުއާން ހިފްޒުކުރުމަށް ޓަކައި އެ މަރުކަޒުން އޭނާއަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވިއެވެ. އެ މަރުކަޒުގައި އޭނާގެ ކިޔެވުން ޖަޖު ކުރެއްވި ފަނޑިޔާރުންވެސް ވަނީ އޭނާގެ ކިޔެވުމުގެ ރީތި ކަމާއި ފުރިހަމަކަން ފާހަގަކުރައްވާފައެވެ. މިފަދަ ކާމިޔާބީއެއް ހާޞިލްކުރެވުމުން ނަބީޙު އޭނާގެ އިހުސާސްތަކާއި ޝުއޫރުތައް ޕީއެސްއެމްއާއި ހިއްސާކުރީ ވަރަށް ބޮޑަށް އުފާވެރިކަމާއި އެކުގައެވެ.
"ނަބީހުގެ މަންމަ އާއި ބައްޕައާއި އެންމެންވެސް ވަރަށް ބޮޑު ޝުކުރެއް ބޭނުންވާނެ މިއަދު" ނަބީހު ބުންޏެވެ.
ނަބީހުގެ މި މަސައްކަތުގައި އެހީތެރިކަން ލިބުނު އެންމެހައި ފަރާތްތަކުން ކުރެއްވި މަސައްކަތްތައް އޭނާގެ ޢާއިލާއިން ބަލައިގަތީ ޝުކުރުވެރިކަމާއެކުގައެވެ.