ސިޔާސީ

ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ފަށައިފި


ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ދެމެދު މަޝްވަރާ ކުރެއްވުމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައެވެ. މިއީ ރާއްޖޭއާއި ޗައިނާއާއި ދެމެދު މިފަދަ ގޮތަކަށް ބޭއްވެވި 6 ވަނަ ބައްދަލުކުރެއްވުމެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަމުގެ ދާއިރާއާއި، ޓުއަރިޒަމްގެ ސިނާޢަތް ކުރިއެރުވުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރިގެ ގުޅުންތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާއިފައިވެއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓް ކަމުގައިވާ، މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރެއްވުމުގެ ބިޔަ މަޝްރޫޢާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވެފައި، ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ވެދެއްވަމުން ގެންދަވާފައިވާތީ އެކަން ފާހަގަކޮށް މިބައްދަލުވުމުގައި ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވެއެވެ. މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލުބަދަލުކޮށް ވާހަކަދައްކަވާފައިވެއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، އަޙުމަދު ޚަލީލެވެ. ޗައިނާގެ ވަފްދުގައި އިސްކޮށްހުންނެވީ، އެސިސްޓެންޓެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޮންގް ޝުއާންޔޫއެވެ.