ޚަބަރު

ކޮންގ ޝުއާންޔޫ ޑރ.އާޞިމާ ބައްދަލުކުރައްވައިފި


ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރ ކޮންގ ޝުއާންޔޫ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރަން ކުރެއްވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 

މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން ވެދެއްވާ އެހީތަކާއި، ޗައިނާ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ރާއްޖޭގައި މިހާރުވެސް ކުރިއަށްގެންދަވާ މަޝްރޫޢުތައް ފާހަގަކުރައްވާ، މިކަމަށްޓަކައި ރާއްޖެ ސްރުކާރުގެ ނަމުގައި ޗައިނާ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. އާޞިމްގެ އަރިހުގައި ސެކެޓްރީ ބައިލެޓެރަލް، އަޙްމަދު ޚަލީލާއި ޖޮއިންޓް ސެކެޓްރީ ޢާއިޝަތު އަޒީމާއާއި ޑިރެކްޓަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރ ކޮންގ ޝުއާންޔޫގެ ޝަރަފުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް ދެއްވާ ފަރިއްކޮޅެއް މިއަދު މެންދުރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.